އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރޫޕް އޭ ގެ ދެވަނަ މެޗުގައި އެފްސީ ބޭރުމައްޗާއި ވާދަކޮށް ފޭދޫ ސްޕޯޓްސް އިން މެޗް ކާމިޔާބު ކޮށްފިއެވެ.
ހޯމަ ދުވަހު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 3-2 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފު އެކީ ޑޮމިނޭޓް ކުރަމުން އައީ ފޭދޫ ސްޕޯޓްސް އިންނެވެ. ބޭރުމަތި ގޯލަށް ގިނަ ހަމަލާތަކެއް އަމާޒު ކުރަމުން ދިޔައިރު އެ ޓީމުގެ ކީޕަރުގެ ހުށިޔާރުކަން ވެސް ފެނިގެން ދިޔައެވެ. ފެދޫ ސްޕޯޓްސް ގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި ޖަހައިދިނީ ޓީމު ކެޕްޓަން އަބްދުﷲ ޙަނީފު (ބެންޖޯ) އެވެ. އަދި ކުޅުން ވަރުގަދަ ކޮށް ގިނަ ހަމަލާތައް އުފައްދަމުން މެޗުގެ 28 ވަނަ މިނިޓުގައި އިބުރާހީމް މަހުދީ ވަނީ ލަނޑެއް ޖަހައި 2-0 ގެ ލީޑެއް ހޯދައިދީފައެވެ. ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދި ނަމަވެސް ގޯލުތެރެއަށް ފޮނުވާނުލެވި ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފަށް ބޭރުމަތި ނިކުތީ ނަތީޖާ ބަދަލު ކޮށްލުމުގެ އުއްމީދުގައެވެ. މިގޮތުން ނުރައްކާތެެރި ގިނަ ހަމާލާ ތަކެއް ފޭދޫ ސްޕޯޓްސްގެ ގޯލަށް ފޮނުވި ނަމަވެސް އެޓީމުގެ ކީޕަރު ހުށިޔާރު ކަމާއެކު އެ ހަމަލާތައް ދިފާއު ކުރިއެވެ. މެޗުގެ 82 ވަމަ މިނިޓުގައި އަހުމަދު ޒަވާލު ޖަހައިދިން ލަނޑާއެކު ފޭދޫ ސްޕޯޓްސް އިން 3 ޕޮއިންޓް ކަށަވަރު ކޮށް ހިންދެމިލައިފިއެވެ. އެހެންނަމަވެސް 85 ވަނަ މިނިޓުގައި ބޭރުމަތިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އަހުމަދު ނާޝިދެވެ. ފޭދޫ ސްޕޯޓްސް އިން އިތުރު ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފްސީ ބޭރުމަތިން ވަނީ މެޗުގެ އިތުރު ވަގުތު ނިމެނިކޮށް އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އީމާން ނަޒީރެވެ. މި ލަނޑާއެކު މެޗު ނިމިގެން ދިޔައީ 2-3 އިން ފޭދޫ ސްޕޯޓްސް މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗަށްފަހު ފޭދޫ ސްޕޯޓްސް ގެ ކޯޗު ބުނީ މެޗަށް ނިކުތީ ޓަފް މެޗަކަށް ރެޑީ ވެގެން ކަމަށާއި، ބޭރުމަތި އެފްސީ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. މި މެޗު ކާމިޔާބު ކުރެވުނީމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ކުޅެ ނަތީޖާ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަން ފޭދޫ ސްޕޯޓްސް ގެ ކޯޗު ފާހަނގަ ކުރިއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސް ގެ އިބުރާހީމް މަހުދީ ހުސެއިނެވެ.
މި މުބާރާތުގެ ގުރޫޕް ބީ ގެ ދެވަނަ މެޗް މިއަދު ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ މެދުވަލު އެފްސީ އާއި އެފްސީ އަފިރިންނެވެ، މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި އައްޑޫ ފުޓްބޯޅާ ސްޓޭޑިއަމުގައެވެ.