ފޭދޫ ސްޕޯޓްސް އިން ކުލަބު ލޮތާރި ބަލިކޮށް އައްޑޫ ފުޓްބޯޅާ ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ފެށި މި މުބާރާތުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް އާއި ކުލަބު ލޮތާރިއެވެ. މި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފޭދޫ ސްޕޯޓްސް އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ފޭދޫ ސްޕޯޓުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނިޓާއި 37 ވަނަ މިނިޓުގައި ޔޫސުފް ސިދާމް އަލީ ވަނީ 2 ލަނޑު ޖަހަައި މެޗުގެ ލީޑުނަގައިދީފައެވެ. ފުރަތަމަ ހާފުހެ ކުޅުން ފޭދޫ ސްޕޯޓްސްއިން ނިމާލީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 12 މިނިޓްތެރޭ އަޙުމަދު ސަބާހް ކާމިޔާބު ކޮށްދިން ލެ ލަނޑާއި އެކު ލޮތާރިއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ލޮތާރީގެ މި ދެ ލަނޑާއި އެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. ދެވަނަ ހާފްގެ 63 ވަނަ މިނިޓުގައި ގައްސާން ލަބީބު ފޭދޫ ސްޕޯޓްސް އަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނެވެ. އަދި މެޗް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އަހުމަދު ބަލްސަމް އަލީ ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 5-2 އަށް ބަދަލުވިއެވެ. މެޗު ނިމުނީ ފޭދޫ ސްޕޯޓްސްއަށް ދެ ލަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ.
މިއީ އަށްޑޫ ފުޓްބޯޅަ ޗެމްޕިއަން ޝިޕްގެ ނަމުގައި ބާއްވާ ތިންވަނަ މުބާރާތެވެ. ހޮނިހިރު ދުވަހު ފެށި މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ގެންދަން ރާވާފައިވީނަމަވެސް، މޫސުމް ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސެގްމެންޓްތައް ވަނީ ކެންސަލް ކޮށްފައެވެ.
އައްޑޫ ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރާއިރު، މި ހަތް ޓީމު ވަނީ 2 ގުރޫޕަކަށް ބަހާފައެވެ. ގުރޫޕް އޭ ގައި ހިމެނެނީ މީދޫ ކުލަބު ލޮތާރި އާއި ހިތަދޫ އެފްސީ ބޭރުމަތި އަދި ފޭދޫ ސްޕޯޓްސް އެވެ. ގުރޫޕް ބީ ގައި މަރަދޫ އެފްސީ އާއި ހިތަދޫ މެދުވަލު އެފްސީގެ އިތުރުން ފޭދޫ ފާހި ސްޕޯޓްސް އަދި މަރަދޫފޭދޫ އެފްސީ އަފިރިން ހިމެނެއެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ކުޅޭނީ ގުރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ މަރަދޫ އެފްސީ އާއި ފޭދޫ ފާހި ސްޕޯޓްސް އެވެ. އައްޑޫ ފުޓްބޯޅާ ސްޓޭޑިއަމުގައި ކުޅޭ މި މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.
މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.