English Edition
Dhivehi Edition

ތިމާގެ މުސްތަޤްބަލުގެ މިސްރާބު ކަނޑައެޅިގެން ދަނީ، މަދަރުސީ ދައުރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 95 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޮންމެ މީހެއްގެވެސް މަދަރުސީ ދައުރަކީ، އެމީހެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި މަރުޙަލާ ކަމަށާއި ގިނަ ރަޙްމަތްތެރިންނާއި އެކުވެރިން ލިބިގެން ދަނީ ވެސް މަދަރުސީ ދައުރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މީހުންނަށް އިޙްތިރާމް ކުރުމާއި، އެހެން މީހުންނާ އެކުގައި އުޅެން ދަސްކުރުމާއި، ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް ލިބުނީ، މި ހިޔާވަހިކަމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

“ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައި ކުރަންޖެހުނު ކަންތައްތަކާއި، ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި، ސްކޫލްގެ ގޭމްސް ކެޕްޓަންކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ، އަޅުގަނޑުގެ ދިރިއުޅުމުގެ ޢަމަލީ މައިދާނަށް މަގު ކޮށައިދިން ކަންތައްތައް.” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ އިހުއްސުރެވެސް ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި ބައެއް ކަމަށާއި އޭރު އޮތް ގޮތަކީ، އެދުރުބެއިންނާއި އެދުރު ދައިތައިންގެ ގާތަށް ގޮސް، އެ ކިޔަވައިދޭ އެއްޗެއް، ފިލާ، ވޮށުފިލާގައި ލިޔެ ދަސްކުރުން ކަމަށެވެ. އަދި އޭރުގެ މަންހަޖަކީ، އެކުއްޖަކަށް ކިޔަވައިދޭ އެދުރުންނަށް އެނގި ހުރި ދީނީ ޢިލްމާއި ހިސާބު ޢިލްމު ކަމަށާއި އޭރު އެކަންވެސް އޮތީ އެކި ރަށްރަށުގައި އެކި މިންވަރަށް، އަދި އެކި ފެންވަރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ތާރީޚަށް ބަލާއިރު ކިޔަވައިދިނުމަކީ، ނުވަތަ ބޭރު ބަސްބަސް އުނގެނި ދަސްކުރުމަކީ، ކުށެއްގެ ގޮތުގައި ބެލެވުނު ދުވަސްވަރެއް ވެސް ދިޔަކަމަށާއި ވަކި ފަންތިއެއްގެ ބޭފުޅުން ނޫނީ އުނގެނުން އޮތީ މަނާ ކުރެވިފައި ކަމަށް ރައީސް ސާޅިހު ވިދާޅުވި އެވެ. އަދި ބޭރު ބަސްބަހުން ލިޔެ ޗާޕްކޮށްފައި ހުންނަ ނޫސް މަޖައްލާ ފަދަ ތަކެތި ގެންގުޅުމާއި ކިޔުން ވެސް އޮތީ، ވަކި ފަންތިއެއްގެ ބަޔަކަށް ނޫނީ މަނާކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ މަޖީދިއްޔާ ސްކޫލުން ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން މީހުން ބިނާކޮށްދީފި ކަމަށާއި މި މަދަރުސާ އިން ތަޢުލީމް ހާސިލުކުރި އެތައް ދަރިންނެއް، ޤައުމުގެ އެންމެ ކުރީ ސަފުގައި ޚިދުމަތް ކޮށްފި ކަމަށެވެ. އަދި މިހާރުވެސް ޚިދުމަތް ކުރަމުން އެބަގެންދާ ކަމަށެވެ.