English Edition
Dhivehi Edition

އެސްޓަން ވިލާގެ ކޯޗުކަމުން ސްޓީވަން ޖެރާޑް ވަކިކޮށްފިއެވެ.

ޖެރާޑްގެ ވަޒީފާ ގެއްލުނީ ފުލަމް އަތުން 3-0 ން ބަލިވި މެޗަށްފަހު އެސްޓަން ވިލާއިން އޭނާ ކޯޗުކަމުން ވަކިކުރުމުންނެވެ.

ރޭ ފުލަމް އަތުން ބަލިވި މެޗަށް ފަހު ޖެރާޑް ކޯޗުކަމުން ވަކިކުރިއިރު، އެސްޓަން ވިލާގެ ސްޕޯކްސް ޕާސަން ކްރިސްޓިއަން ޕާކްސްލޯ ބުނެފައިވަނީ ޖެރާޑް ވަކިކުރަން ނިންމީ ކުލަބުގެ ބޯޑުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު މިވަގުތު ކުލަބަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފެންނާތީކަމަށެވެ.

އަދި ޖެރާޑް ކުލަބަށް ކޮށްދިން ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި އެދެނީ ޖެރާޑްއަށް ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކާމިޔާބީތަކެއް ލިބުމަށް ކަމަށްވެސް ކްރިސްޓިއަން ޕާކްސްލޯ ބުނެފައިވެއެވެ. އަދި ކުލަބުން އަބަދުވެސް ޖެރާޑްގެ ޚިދުމަތްތައް ބަލައިގަންނާނޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އަދި އެސްޓަން ވިލާއަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުލަބުގެ ފަރާތުން މިހާރު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ކޯޗެއް ހަމަ ޖެހޭނެ ކަމަށް ވެސް ކްރިސްޓިއަން ޕާކްސްލޯ ބުންޏެވެ.

އެސްޓަން ވިލާގެ ކޯޗުކަމާއި ޖެރާޑް ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތިން އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ޖެރާޑް އެސްޓަން ވިލާއަށް ކޯޗު ކޮށްދިން އެގާރަމަސް ދުވަހު، އޭނާގެ ކޯޗުކަމުގެ ދަށުން އެސްޓަން ވިލާ ކުޅުނު 40 މެޗުގެ ތެރެއިން މޮޅުވީ އެންމެ 13 މެޗުންނެވެ. 19 މެޗުން ވަނީ ބަލިވެފައެވެ.