English Edition
Dhivehi Edition

އިންސަނުންނަކީ ވިސްނުމާއި ފިކުރުގެ ގޮތުން ތަފާތު ބަޔެކެވެ. ބައެއް މީހުންނަކީ ދެރަ ނިކަމެތި ބަޔެކެވެ. ބައެއް މީހުންގެ ކިބައިގާ އަނެކާ ހިނިއަންނަ ޛާތުގެ ޢައިބު ކަމެއް ހުރެދާނެއެވެ. ނަމަވެސް މިފަދަ ޙާލަތްތަކުގައި ސަމާސަ އަކަށް ހަދައިގެން ނަމަވެސް އަނެއްމީހާ އަށް މަލާމާތްކޮށް ފުރައްސާރަކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

މިފަދަ ކަންތަކުން ދުރުހެލިވުމަށް އަންގަވާ ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”

އިބްނު ކަޘީރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “މިއާޔަތުގެ މުރާދަކީ މީސްތަކުން ނިކަމެތިކޮށް، އެބައިމީހުންގެ ގަދަރުކުޑަކޮށް، ފުރައްސާރަކޮށް ހެދުމެވެ. މިއީ ޙަރާމް ކަމެކެވެ. އަދި މިއީ މުނާފިގުންގެ ޞިފައެކެވެ.”

މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އަމުރު ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (المسلم أخو المسلم لا يظلمه ولا يخذله ولا يحقره ، التقوى ها هنا – ويشير إلى صدره ثلاث مرات – بحسب امرئٍ من الشر أن يحقر أخاه المسلم ، كل المسلم على المسلم حرام ، دمه وماله وعرضه) رواه مسلم. މާނައަކީ: “އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާ އަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާގެ އަޚާ އަށް ދެރަގޮތެއް ނުހަދާނެއެވެ. އަދި ނިކަމެތި ކަމެއް ނުކުރާނެއެވެ. ތަގްވާ ވަނީ މިތަނުގައެވެ. މިހެން ޙަދީޘް ކުރައްވާ ތިންފަހަރަށް މޭފުޅަށް އިޝާރާތް ކުރެއްވިއެވެ. މުސްލިމް އަޚާ އަށް ދެރަނިކަމެތި ގޮތްތައް ހެދުން ނުބައި ކަމަކަށް ފުދެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެން ވެއެވެ. އޭނާގެ ލެޔާއި މުދަލާއި އަބުރެވެ.”

1 ކޮމެންޓް
Ihsaan
އޮކްޓޯބަރު 13, 2022
Jazakallahu Khairan to AO News Good article