English Edition
Dhivehi Edition

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާ އިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިދާރާ އިން ބުނެފައި ވެއެވެ.

މޫސުމާއިބެހޭ ގައުމީ އިރާދާ އިން ވަނީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް ވެސް އެދިފަ އެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވެސް އެދިފައި ވެއެވެ.

ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދެއެވެ.