މީގެ އަހަރުތަކެއް ކުރިން ބޮލީވުޑަށް އަލަށް ނިކުތް ތަރި ސޫރަޖް ޕަންޗޯލީ ގެ އެއްވެސް ކުށެއް ނެތް ކަމަށް އޭނާގެ މަންމަ ޒަރީނާ ވައްހާބް ބުނެފިއެވެ.
ޒަރީނާ މިހެން ބުނީ މީގެ ނުވަ އަހަރު ކުރިން ސޫރަޖްގެ ލޯބިވެރިޔާ ޖިއާ ހާން މަރުވުމާއި ގުޅިގެން އޭނާގެ ދަރިފުޅަށް ތުހުމަތު ކުރަމުންދާތީ އެވެ.
ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ، މަޝްހޫރު ތަރި އަދިތްޔާ ޕަންޗޯލީ އާއި ޒަރީނާ އަށް ލިބިފައިވާ ފިރިހެން ދަރި ސޫރަޖް ފިލްމީ ދާއިރާއަށް ނިކުތްތާ މާގިނަ ދުވަހެއް ނުވެ އޭނާގެ ލޯބިވެރިޔާ ޖިޔާ ހާން މަރުވުމާއި ގުޅިގެން މި އަދާ ހަމައަށް ވެސް ދަނީ އެމައްސަލައިގެ ތުހުމަތު އޭނާ އަށް ކުރަމުންނެވެ.
ޒަރީނާ ބުނެފައިވަނީ، ޖިއާ ހާންގެ މަންމަ ރާބިއާ އަށް އޭނާގެ ދަރިފުޅު ގެއްލިފައިވާ ކަން އޭނާ ގަބޫލުކޮށް އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި ޖިއާ ދިރި އުޅޭ ކޮޓަރީގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުމުން އޭނާ އަމިއްލަ އަށް މަރުވީ ކަމަށް އެތައް ހެއްކެއް ދައްކާ ކަމަށާއި އޭނާގެ ދަރިފުޅާ އެމަރާ އެއްވެސް ގުޅުމެއް ނުވާއިރު އެދަރިފުޅަށް އެކި ގޮތް ގޮތުން ތުހުމަތުކޮށް އަނިޔާ ވެރިވާ ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ.
“އެއީ މީގެ 9 އަހަރު ކުރިން ހިނގާފައިވާ ކަމެއް. ޖިއާގެ މަންމަ އިރު އިރު ކޮޅާ އެ މައްސަލަ ބެލުމަށް ކޯޓަށް ހުށަހަޅާފައި އެ މައްސަލަ ބަލަން ފަށާއިރަށް ކޯޓަށް ހާޒިރު ނުވޭ. އޭނާ ހުންނަނީ އިންޑިއާ ދޫކޮށް ކޮންމެ ވެސް އެހެން ގައުމެއްގަ. މިގޮތަށް ތަކުރާރުކޮށް މައްސަލަ ދިގު ދަންމައި އަހަރެންގެ ދަރިޔަށް ކުރާ އަނިޔާ ހުއްޓާލަން ޖެހޭ. ރާބިޔާ ގަސްތުގައި މައްސަލަ ދިގުދަންމަނީ. އަހަރެންގެ ދަރިފުޅު ސޫރަޖްގެ މުޅި ދިރި އުޅުމަށް އެތައް އަސަރެއް މި ކަމާ ހެދި ކުރޭ. އިންޑަސްޓްރީގެ ގިނަބަޔަކަށް ވެސް އިނގޭ ސޫރަޖް އަކީ އެއްވެސް ކުށެއް ނެތް މީހެއްކަން” ޒަރީނާ ދާދި ފަހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ޒަރީނާ ރާބިޔާ އަށް އެދުނީ ކުށެއް ނެތް އޭނާގެ ދަރިފުޅު ދޫކޮށް ލުމަށެވެ. އަދި އޭނާ ބުނެފައިވަނީ ޖިއާ ހާން މަރުވުމުން އެކަމާ އޭނާވެސް ހިތާމަ ކުރާ ކަމަށާއި މަންމަޔަކަށް ދަރިޔަކު ގެއްލި ދިޔުމުން ކުރާނެ އަސަރު އޭނާއަށްވެސް ވިސްނޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާގެ ދަރިފުޅަށް ދޭ އަނިޔާ ހުއްޓާލުމަށް އެދޭ ކަމަށް ޒަރީނާ ބުންޏެވެ.
ޖިއާ އަމިއްލަ އަށް ދަންޖެހިގެން މަރުވީ ޖުލައި 3، 2013 ގައެވެ. ޖިއާގެ މަރަށް 09 އަހަރު ފާއިތު ވެގެން ދިޔައިރުވެސް އެ މައްސަލައިގެ ތަހުގީގު ނިމިފައި ނުވާއިރު ޖިއާގެ މަންމަ ރާބިއާ އަމީން ވަނީ މި މައްސަލަ ސީބީއައި އިން ބެލުމަށް އެދި ބޮމްބޭގެ ހައިކޯޓަށްވެސް މީގެ ކުރިން ހުށަހަޅާފައެވެ. އަދި މި މައްސަލަ މިހާރު ސީބީއައިގެ ހާއްސަ ޓީމަކުން ބަލަން ފަށާފައިވާއިރު ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާރ ސޫރަޖް ޕަންޗޯލީގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތެއްކޮށް ފައެވެ.
ސޫރަޖު ޖުލައި 10، 2013 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކޮށް އޭރު ސީބީއައި އިން ބުނީ ޖިއާގެ މަރުގެ ތަހުގީގު ކުރިއަށް ދިޔައިރު ސޫރަޖް ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަފާލާތުގެ ދަށުން ސޫރަޖް ދޫކޮށްލާފައިވީ ނަމަވެސް އަދިވެސް މި މައްސަލަ އާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރެއެވެ.