English Edition
Dhivehi Edition
އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ އެންމެ ފުނަށް ގޮސް ދިރާސާ ކުރާ ޓީމް މަސައްކަތުގައި: (ފޮޓޯ/ނެކްޓަން)

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ އެންމެ ފުނަށް ގޮސް ދިރާސާ ކުރާ ޓީމު އަންނަ ހަފްތާގައި ހަރަކާތްތެރިވާނީ އައްޑޫސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެފިއެވެ.

އެ އިންސްޓިޓިއުޓުން ބުނީ ކުރިއަށް އޮތް ދެ ހަފްތާގައި، އާރުވީ އޮޑެއްސީ، ކިޔާ ކަނޑުގެ ދިރާސާތަކުގައި ބޭނުންކުރާ ބޮޑު އުޅަނދު އައްޑޫ ބޭރުގައި ހަރަކާތްތެރި ވަމުން އަންނާނެ ކަމަށާއި އަދި އެއުޅަނދާއި 500 މީޓަރަށް ވުރެ ދުރުން ދަތުރުކުރެއްވުމަށް ސަމާލުކަން ދިނުމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ “ސިއްރުތައް” ހޯދުމަށް މިހާރު ކުރިއަށް ގެންދާ ދިވެހި ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ސައިންސްވެރިންގެ ފުރަތަމަ ޓީމު ލޮކޭޝަނަށް ފުރީ ސެޕްޓެމްބަރު މަހުގެ 7 ވީ ބުދަ ދުވަހު އެވެ. މި “ނެކްޓަން މޯލްޑިވްސް މިޝަން”ގެ ދަތުރު އޮޑެސީގައި ފަށާފައި ވަނީ މާލެއިންނެވެ. އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިޔައީ ވ. އަތޮޅަށެވެ.

މި ދިރާސާގައި ވ. އަތޮޅުގެ އިތުރުން ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކަނޑުގެ އަޑީގެ ދިރާސާތަކަށް، އަޑިއަށް ދިއުމަށް މިއުޅަނދުގައި ސަބްމާސިބަލް 2 އުޅަނދު އޮވެއެވެ. އެއީ ކަނޑުގެ 1،000 މީޓަރު ފުނަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޮމެގާ ސީމާސްޓާ 2 (ރަތްކުލަ) އާއި 2000 މީޓަރު އަޑިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޯރީލިއާ (އޮރެންޖް ކުލަ) ދެ އުޅަނދެވެ.

ރާއްޖޭގެ ކަނޑުތަކުގެ މި ދިރާސާގައި މިއުޅަނދުތައް ބޭނުންކުރާނެއެވެ. މިދެ އުޅަނދުގެ ރޮބޮޓިކް އުފެއްދުންތައް ވެސް މިސާވޭގައި ބޭނުން ކުރާނެއެވެ.

ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާއިރު، ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމަ އަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. މި ދިރާސާގައި ކަނޑުގެ އަޑީގެ ދިރުންތަކުގެ ސިއްހަތު ދެނެގަނެ، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާނެ މައުލޫމާތު ހޯދާނެ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑުގެ ފުނުގައި ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ.

ނެކްޓަން މޯލްޑިވްސް މިޝަން’ގައި:

އިންސާނުން ގޮވައިގެން ފުން ކަނޑަށް ދާ އެންމެ ފަހުގެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރާނެ

ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ސިއްހަތު ދެނެގަތުން

މި ‘ހެލްތު ޗެކާ’ އެކު، ރާއްޖޭގެ ކަނޑުގެ %20 ހިމާޔާތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބިގެންދާނެ؛ މިއީ ގާތްގަނޑަކަށް ޖަރުމަނުގެ ދެބައިކުޅަ އެއް ބައި ވަރުގެ ސަރަހައްދެއް

މި މިޝަންގައި ޖުމްލަ 40 މީހުން ބައިވެރިވެއެވެ. އެއީ 16 ދިވެހިންނާއި 24 ބައިނަލްއަގްވާމީ ބައިވެރިންނެވެ.