English Edition
Dhivehi Edition

“ޓައިގަރ ޝާކް” ނުވަތަ ފެމުނު މިޔަރު އެންމެ ގިނަ ޢަދަދަކަށް ފެންނަ އެއް މަންޒިލް ކަމަށްވާ ފުވައްމުލަކުގެ ކަނޑުގެ ދިރާސާ ކުރުމުގެ މަސައްކަތް ނެކްޓަން މޯލްޑިވްސް މިޝަނުން ފަށައިފިއެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މިހާރު ހަދަމުން އަންނަ ދިރާސާގެ ތެރެއިން ނެކްޓަން މޯލްޑިވްސް މިޝަނުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ބޮޑު ދިރާސާތަކެއް ހެދިފައި ނުވާއިރު ކަނޑުގެ 30 މީޓަރު އަޑީގައި ހިމެނޭ މިޔަރުތަކުގެ ހަގީގަތް އަދިވެސް ހޯދިފައެއް ނުވާ ކަމަށެވެ. އެހެންކަމުން ނެކްޓަން މިޝަންގެ އެންމެ ބޮޑު އަމާޒަކީ ފުވައްމުލަކުގެ ކަނޑު އަޑީގެ ޙަގީގަތް ދެނެގަތުން ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި ހިމެނޭ “ޓައިގަރ ޝާކް” ނުވަތަ ފެމުނު މިޔަރުގެ އާބާދީއާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް މިމިޝަންގެ ސައިންސްވެރިން ޚާއްސަ އިސްކަމެއް ދެއެވެ. އަދި ފުވައްމުލަކުގެ ފަޅުތެރެއިން ގިނަ ޢަދަދަކަށް މިޔަރު ފެންނަމުންދާއިރު މިހާތަނަށް 200 ފެމުނު މިޔަރު ފާހަގަވެފައިވާ ކަމަށް ނެކްޓަންގެ މިޝަން ޓީމުން ވަނީ ބުނެފައެވެ. މިއީ ދުނިޔެއަށް ބަލާއިރުވެސް ފެމުނު މިޔަރުގެ އެންމެ ދުޅަހެޔޮ އާބާދީކަން ވެސް އެޓީމުން ފާހަގަކޮށްފައެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގެތެރެއިން މިހާރު އަންނަނީ ފުވައްމުލަކާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމުންނެވެ. މިޙަރަކާތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ދެސަބްމަރސިބަލްކަމުގައިވާ “އޮމެގާ ސީމާސްޓަރ 2″އާއި “އައުރެލިއާ”ވަނީ ބުރާސްފަތި ދުވަހުގެ ޑައިވްގައި ބޭނުންކޮށްފައެވެ. މިސަބްމަރސިބަލް ހިމެނޭ މިޝަންގެ ބޯޓުކަމަށްވާ “އާރް.ވީއޮޑެސީ” މިހަފްތާގައި ފުވައްމުލަކާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީ ނެކްޓަން މިޝަނުންވަނީ ބޯޓު ހިމެނޭ ސަރަޙައްދުގެ 500 މީޓަރު ދުރުން ކަނޑު އުޅަނދުތައް ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގައި މިހާތަނަށްވަނީ ލ.އަތޮޅުގެ ކަނޑުގެ ސަރަޙައްދުން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައެވެ. މިސަރަޙައްދުގައި އެކި ދުވަސްމަތިން ކަނޑުގެ އަޑީގެ 500 މީޓަރު އަޑިއަށް ދިރާސާގެ ބައިވެރިންވަނީ ސަބްމަރސިބަލްގައި ޑައިވްކޮށްފައެވެ. މިމަސައްކަތް އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިދިރާސާއަކީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. 16 ދިވެހިންނާއި 24 ބޭރުގެ ސައިންސްވެރިންނާއެކު ކުރިއަށްގެންދާ މިދިރާސާގައި ކަނޑު 1000 މީޓަރު އަޑީގެ ޙަގީގަތް ދެނެގަތުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.