ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް އާއި ސައިފް އަލީ ހާން ގެ ދަރިފުޅު ތައިމޫރު އަލީހާންގެ އުފަންދުވަހުގެ ކުލަގަދަ ހަފްލާއަށް ވަރަށް ގިނަބަޔަކު އައީ އިންތިޒާރުކުރަމުންނެވެ. ޑިސެމްބަރު މަހު ތައިމޫރުއަށް އެއް އަހަރު ފުރޭއިރު ގިނަ ބަޔަކަށް ހީވެފައިއޮތީ ކަރީނާގެ ހަމައެކަނި ދަރިފުޅުގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމުގައެވެ.
އެހެންނަމަވެސް ތައިމޫރުގެ އުފަންދުވަހާއި ބެހޭ ގޮތުން ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރު ދެއްކި ވާހަކަތައް އަޑުއިވުމުން ގިނަ ބަޔަކަށްވަނީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައެވެ. “ތައިމޫރުގެ އުފަންދުވަސް އަންނަން ބާކީ މިއޮތީ އެއް މަސް ދުވަސް. އެ ދުވަހަކީ އަހަރެމެން އެންމެންނަށްވެސް ވަރަށް ހާއްސަ ދުވަހެއް. އެކަމަކު އެ ދުވަސް އަހަރެމެން ފާހަގަކުރަނީ ހަމައެކަނި އާއިލާ މީހުންނާއެކު. ބޮޑު ހަފްލާއެއް ބާއްވާކަށް ބޭނުމެއް ނޫން. “ތައިމޫރުގެ އުފަންދުވަހަށް ރާވާފައިވާ ކަންތައްތަކާއި ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ކަރިޝްމާވަނީ ބުނެފައެވެ.
ކަރިޝްމާގެ ވާހަކަތަކާއި ގުޅިގެން ކުޑަކުޑަ ތައިމޫރުގެ ސަޕޯޓަރުންނަށް މާޔޫސްކަމެއް ލިބުނު ނަމަވެސް މިހާރު އެންމެންވެސް އިންތިޒާރުކުރަމުންދާނީ އާއިލާއަށް ބާއްވާ ހަފްލާގެ ފޮޓޯތަކާއި ވީޑިއޯތައް ފެންނާނޭ ވަގުތަކަށެވެ.