English Edition
Dhivehi Edition

ބޯހިމެނުމުގެ މަސައްކަތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން، ބޯހިމެނުމުގެ މަސައްކަތަށް ހާއްސަ ވެސްޓް ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން މި ވެސްޓް ބޭނުންކުރަން ފަށާފައި ވަނީ އިއްޔެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ވެސްޓްގެ އިތުރުން އެނިއުމަރޭޓަރެއްކަން އަންގައިދޭ ކާޑު ވެސް އެނިއުމަރޭޓަރުން ބޭނުންކުރާނެ ކަމަށެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާ އިދާރާއިން ބުނީ އިތުރު ވެސްޓް ލިބުމުން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ވެސް ވެސްޓް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ޖެކެޓު ލައިގެން މި މަސައްކަތުގައި އުޅުނު ނަމަވެސް، އަތޮޅުތެރޭގެ ރަށްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އަދި ޖެކެޓު ނުލާނެ ކަމަށްވެސް އެ ބިއުރޯ އިން ބުނެފައިވެއެވެ. އެއީ އަތޮޅުތެރެއަށް ބޭނުންވާ މިންވަރަށް ޖެކެޓުތައް ލިބުމުގައި ލަސްތަކެއް އުޅޭތީ ކަމަށާއި، އެ ޖެކެޓުތައް ލިބުނުހާ އަވަހަކަށް އަތޮޅުތެރޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންވެސް ޖެކެޓު ލައިގެން މަސައްކަތުގައި ހަރަކާތްތެރިވާނެކަމަށް ބުނެފައިވެއެވެ.

މަސައްކަތަށް ހާއްސަ ޖެކެޓުތަކެއް ލައިގެން އޮފިޝަލުން ހަރަކާތްތެރިވާއިރު، ބޯހިމެނުމަށް ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާ ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ބިއުރޯއިން ވަނީ ދީފައެވެ. އަދި އެ ބިއުރޯއިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ބޯހިމެނުން ފެށިގެން ކުރިއަށްދާއިރު ހުއްދަ ދީފައިވާ އޮފިސަރަކު ފިޔަވައި އެހެން އެއްވެސް މީހަކު، ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތް މީހެއް ކަމަށް ދައްކައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފި ނަމަ 30،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގާނޫނުތަކާ އެއްގޮތަށް އެ މީހަކާމެދު ޖިނާއީ ދައުވާވެސް ކުރެވޭނެ ކަމަށް ޢިއުލާނުގައި ވެއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓަރުން ހޯދާފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެއެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުއެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރުއެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.