English Edition
Dhivehi Edition

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަކީ މާތްކަމާއި މަތިވެރިކަމުން ޖަރީވެގެންވާ މާތް ދުވަސްތަކުގެ ތެރެއިން މާތް ދުވަހެކެވެ.

ހުކުރު ދުވަސް މާތްވެފަ މަތިވެރި ވުމުގެ ސަބަބުން އެދުވަހަށް ވަނީ ވަރަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވެސް ލިބިފައެވެ.

މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ.

ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ.

ހުކުރު ދުވަހުގެ މާތްކަމާއި ހުކުރު ނަމާދުގެ މާތްކަން ބަޔާންކޮށް އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

“އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.