ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުުރޫޕް ސްޓޭޖުގައި ރޭ ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-1 އިންނެވެ.
މި މެޗުގައި ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.
މެޗުގައި ބާސެލޯނާއަށް ފުރަތަމަ ލީޑު ނަގައިދިނީ މިޑްފީލްޑަރު ފްރޭންކް ކެސިއޭއެވެ. މެޗުގެ 13 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑިފެންޑަރު ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބާސެލޯނާއަށް ލީޑު ފުޅާކޮށްދިނީ ސާޖީ ރޮބާޓޯގެ އެހީތެރިކަމާއެކު 34 ވަނަ މިނެޓުގައި ލެވަންޑޯސްކީއެވެ.
އޭގެ ފަހުން މެޗުގެ 44 ވަނަ މިނެޓުގައި ވިކްޓޯރިއާ ޕްލެޒެންގެ ޔޭން ސައިކޯރާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެ 67 ވަނަ މިނެޓުގައި ޓޮރެސްގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ޖަހައި މި މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ޓޮރެސްއެވެ. މެޗުގެ 71 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑެމްބެލޭގެ އެހީތެރިކަމާއެކުއެވެ..
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި ބަޔާނާ ދެކޮޅަށް ކުޅޭ މެޗެވެ.