2018 ގައި ބާއްވާ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކާމިޔާބު ކުރުމަށްޓަކާ އަންހެން ލީޑަރުން ތަމްރީނު ކުރުމުގެ ގޮތުން ބޭއްވި ކަނބަލުންގެ މަހާސިންތާ ނިންމާލައިފިއެވެ.
ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 380 ކެމްޕެއިން ލީޑަރުން ތަމްރީނުކޮށްފައިވާއިރު މިފަހަރުގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ އަތޮޅުތަކުގައި ތިއްބަވާ ކަނބަލުންނަށެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ ގޮތުން އަންހެން ކަނބަލުންނަށް ކުރެވޭނެ މަސައްކަތްތައް ދަސްކޮށްދީ އެކަން ކަމަށް ކަނބަލުން އަހުލުވެރި ކުރުވުމަށް ބޭނުންވާ ހާއްސަ ތަމްރީނުތައްވަނީ ދީފައެވެ.
ރާއްޖޭގައި ފުންނާބު އުސް ސިޔާސީ ލީޑަރުންނާއި، މަޖިލީހުގެ ބައެއް މެންބަރުން މަހާސިންތާގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވާއިރު ޕީޕީއެމް އިން ބުނެފައިވަނީ ރައިސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި މިފަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ ކަމުގެ ތަޖުރިބާ ލިބިފައިވާ ލީޑަރުންކަމުގައެވެ.