English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިމިނަތުދިޔެ، (އާމިންދައްތަ) 59އ. އަށް އަނބުރާ އަލުން ވަޒީފާއަށް ނެރެން ވަޒީފާއާ ބެހޭ ޓްރައިބިއުނައިލްއިން އަމުރުކޮށްފި އެވެ.

ޝަރަފުއްދީން ސްކޫލުގައި ވަޒީފާ އަދާކުރަމުން ގެންދިޔަ އާމިންދައްތަ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ނަމަވެސް، ދައުވާނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ. އެއީ އެ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމުން ޝަރަފުއްދީން ސްކޫލުން އޭނާ ވަޒީފާއިން ސަސްޕެންޑް ކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑްކޮއްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

އެކަމާ ގުޅިގެން އާމިންދައްތަ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރަން އަންގައި، މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ސަސްޕެންޑްކުރި އެ މައްސަލަ ބަލައި އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަމުރު ކޮށްދިނުމަށާއި އޭނާ ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ބާތިލުކޮށް، އޭނާ އަލުން ވަޒީފާއަށް ނުކުތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ސިވިލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު އާމިންދައްތައަށް އަލުން ވަޒީފާ ދިނުމަށާއި ސަސްޕެންޑްކޮށްފައި ހުރި މުއްދަތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ވެސް ވަނީ އަންގަވާފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް އައިމިންދައްތަ ހައްޔަރުކުރީ މިދިޔަ މާރޗު މަހުގެ ތެރޭގަ އެވެ