English Edition
Dhivehi Edition

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ. ޔެލޯ އެލަރޓް ނެރެފައިވަނީ މިރޭގެ 21:30ގެ ނިޔަލަށެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ ހދ.އަތޮޅުން ފެށިގެން ފ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މިގަޑިތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިގަޑިތަކުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވެދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރެއެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑު އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް އިލްތިމާސްކުރަމެވެ.

ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވަނީ ޔެލޯ އެލަރޓްގެ ޙާލަތުގައި އެއްގޮތަކަށްވެސް ކަނޑުމައްޗަށް ނުނިކުތުމަށެވެ. ޚާއްސަކޮށް ކުދި އުޅަނދު ކަނޑުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރެއެވެ.