English Edition
Dhivehi Edition

ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. މި ފޮތް ގިނައިން ކިޔެވުމަކީ އެތަކެއް ދަރުމައަކާއި ސަވާބުލިބޭ ކަމެކެވެ. އަދި މި ޤުރުއާން ކިޔެވުމަކީ ހަރުކަށި ހިތްތައް މަޑުކޮޅިވެ ހަމަޖެހޭކަމެކެވެ.

އަހަރެމެންގެ ހިތްތަކުގައި ތަބީޢީ ގޮތުން އުފެދިފައި ހުންނަ ހަރުކަށިކަން ފިލުވާލުމަށް އެންމެ ރަނގަޅު ފަރުވާއަކީ ކީރިތި ޤުރުއާނެވެ. އެ ޤުރުއާން ގިނަގިނައިން ކިޔެމެވެ. ހަރު ހިތްތައް މަދުކޮށްލާނޭ އެތައް އާޔަތްތަކެއް ކީރިތި ޤުރްއާނުގައިވެއެވެ. އެހެން ނަމވެސް އެއީ އެފޮތް ކިޔަވައި ވިސްނައި ފިކުރުކުރާ މީހަކަށެވެ.

ކީރިތި ޤުރްއާން ކިޔަވައި އޭގެ މާނަ ދެނެގަތުމަކީ ކޮންމެހެން ވެސް ކުރުން މުހިންމު ކަމެކެވެ. ޤުރުއާން ކިޔަވާ އޭގެ މާނަ ދެނެގަތުމައް މަސައްކަތް ކުރާ ވަރަކުން ހިތަށް ދާނީ މަޑުމޮޅިކަން ލިބި އިތުރުވަމުންނެވެ. މީގެ އިތުރުން މާތް ﷲ އާއި މެދު ވިސްނި ހިތަށް ވަންނަ ބިރުވެރިކަން ވެސް އިތުރުވާނެއެވެ.

އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންވީ ޙަޔާތުން ދުވަހެއް ނިމިގެން ދާއިރުގައި މަދުވެގެން ކިތަންމެ ކުޑަ މިންވަރެއްނަމަވެސް ޤުރުއާނުން މިންވަރެް ކިޔެވުމަށެވެ. އަދި އެ ކިޔަވާ މިންވަރެއްގެ މާނަ ބަލައި އާޔަތުގައި ބުނާ އެއްޗަކަށް ވިސްނާ ފިކުރު ހިންގުމަށެވެ. އެއީ ޞަފުޙާއެއް ކަމުގައި ވިޔަސް ނުވަތަ ސޫރަތެއް ކަމުގައި ވިޔަސް ހަމަ އެންމެ ރަނގަޅެވެ.