English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމުން އެކަމަށް ރައީސް އިބްރާހިމް މުހައްދު ސާލިހު، ރައީސް ނަޝީދަށް ތައުރީފު ކުރައްވަވައިފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ޕާޓީ އަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެ ގަރާރު ގެންދިއުމާއި އެކު ދެން އަމާޒު ހިފަންވީ ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމަށް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމެވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ގަރާރު އަނބުރާ ގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންގްރެސް އަށް ހުށަހެޅި ގަރާރު އަނބުރާ ގެންދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަވާނެ ކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގަރާރެއް ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވުމާއި އެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ސާލިހު ވަނީ މީގެ ކުރިން ވެސް އެ ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އާދިއްތަ ދުވަހު ވެސް އެކަމާއި މެދު ރައީސް ސާލިހު އާއި ރައީސް ނަޝީދު ވަނީ މަޝްވަރާކުރައްވާފައެވެ.