English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދިއުމަށް ކުރީގެ އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމެވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރު އަނބުރާ ގެންދެވިކަން ހާމަކުރައްވާފައިވަނީ ކޮންގްރެސްގެ ތެރެއިން ދާދި ދެންމެއަކު އެމަނިކުފާނު އަމިއްލަ ފުޅަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ގަރާރު އަނބުރާ ގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި ކޮންގްރެސް އަށް ހުށަހެޅި ގަރާރު އަނބުރާ ގެންދިޔަ ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަވާނެ ކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.