English Edition
Dhivehi Edition

ކުދިޖަޒީރާ ތަކެއްގައި އަޅުގަނޑުމެން ލެއްވި ހުސްތާހިރުވަންތަ ﷲގެ ޙިކުމަތްވަންތަ ކަމުގެ ބޮޑުކަމާއެވެ. މިރީތި ޖަޒީރާތަކުގައިވި ދޮންވެލިތުނޑިތަކުގެ ނަލަކަމާއެވެ. އެތުނޑިތަކުގައި ރެއާއިދުވާލު އުޅެމުންދިޔަ ދޫނިތައް ރާގުރާގަށް ކިޔަމުންދިޔަރާގުތަކުގެ ހިތްގައިމު ކަމާއެވެ. އެއަޑުތަކާއި އެ ހިތްގައިމު މަންޒަރު މިހާރު އިހުސާސެއްނުވެއެވެ. އެހެންނަމަވެސް އަދިވެސް އުޅެމުން މިދަނީ އެ ޖަޒީރާތަކުގައެވެ. އެޖާޒީރާތަކަށް އައި ތަރައްގީއޭ ކިޔާ އެއްޗެއްގެ ސަބަބުން ހުރިހާކަމެއް ބަދަލުވެއްޖެއެވެ. ކުރީގެ ދޮންވެލިތުނޑިތައް ކޮބައިހެއްޔެވެ؟ އެތަންތާގެ އަހުލުވެރިން ކަމަށްވި ބާވަތްބާވަތުގެ ދޫނިތައް ކޮބައިހެއްޔެވެ؟ އެ ދޫނިތަކުގެ ބިސްހާލިތަކުން ފަޅުފިލުވި ފިނޮޅުތައް ކޮބައިހެއްޔެވެ؟ މިހުރިހާ ސުވާލެއްގެ ޖަވާބުވެސް ވަރަށް ފަސޭހައެވެ. ތަރައްގީގެ ބަނޑުދަށުވެ އެހުރިހާ ބިސްހާލިތައް ތެޅިއްޖެއެވެ. ބަނދަރުތަކުގެ ޝިކާރައަކަށްވެ ފިނޮޅުތަކާއި ތުނޑިތައް ޣައިބުވެއްޖެއެވެ. ކުރިން ތުނޑިއެއް އޮތްތަނެއްގައި ބަދަލުގައި މިހާރުއޮތީ ތަރައްގީގެ ނަމުގައި ހަދާފައިވާ ބަނދަރެކެވެ. އެ ބަދަނދަރުގައިވަނީ އެކި ސައިޒުތަކުގެ އުޅަނދުފަހަރެވެ. އުޅަނދުފަހަރުގެ އިންޖީނުން ބޭރުވަނީ ތެލެވެ. އެ ތެޔޮވަނީ ފަޅަށްއެޅިފައެވެ. ފަޅުވަނީ ތަޣައްޔަރުވެފައެވެ. އޭގެ އަސަރުވަނީ މަސްމަހާމެއްސަށް ކޮށްފައެވެ. މިއީ ދެރަކަމެއް ނޫންހެއްޔެވެ؟ ކުޑަކުދިން އުނދޯލި އެލުވައިގެން މަޖާކުރަމުންދިޔަ ބިޔަގަސްތައް ނެތިވެދިޔައީއެވެ. އޭގެ ބަދަލުގައި ބިޔަ އިމާރާތްތައް އެތަނުގައި އެތުރިގެންފިއެވެ. އިންޖީނުގެތަކެވެ. އައިސްޕްލާންޓްތަކެވެ. ތެޔޮ ޝެޑްތަކެވެ. ފެންޕްލާންޓްތަކެވެ. މިއީވެސް ތަރައްގީއެވެ. އެބުނާ ތަރައްގީއަށްޓަކައި މި ކުދިޖަޒީރާތަކުގެ ނާޒުކު ތިމާވެށި ގުރުބާން ކުރެވުނީއެވެ. ތުނޑިތަކަށް ބައިބަޔަށް ތިރިކުރަމުންދިޔަ ދޫނިތައް ހިފަން ކުޑައިރު އުޅުނުގޮތް އަމިއްލަ ދަރިންނަށް މިއަދު ސިފަކޮށްދެވޭކަށްނެތެވެ. ތުނޑިތަކާއި ފިނޮޅުތަކާއި ދޫނިތަކުގެ ހިލަމެއްނުވާތީއެވެ. އެވަރުން ފުދުނީއެއްނޫނެވެ. ފަޅުގައި މަސްމަދުވެއްޖެއެވެ. މަސްމަދުވި ސަބަބެއް ކަމަށް އެއްބަޔަކު ބުނަނީ ފަޅުހިއްކައި ބަނދަރު ހެދުމެވެ. އަނެއްބަޔަކު ބުނަނީ ދައު އަޅައިގެން މަސްހިފާތީ ކަމަށެވެ. ކޮންމެއަކަސް ހިމަހިމަ ދިއްގައި ދަނޑިން ދޮށިހަދައިގެން ކުދިގުރުވައާއި އެޒާތުގެ މަސްބާނައި އުޅުނުމަންޒަރުވެސް ދަރިންނަށް ސިފަކޮށްދެވެން މިއަދަކުނެތެވެ. ކުރިން އުޅުނުވަރަށް މަސް ނެތުމުންނެވެ. ކޮންމެދުވަހަކު އެދުރުދައިތަގެ ގެއިން ނިމިގެން އަތިރިމައްޗަށްގޮސް ކަށިކެޔޮފަތުން އޮޑިހަދައިގެން ދުއްވައިއުޅުނު ހަނދާން މިހާރުވެސްވެއެވެ. އެހެންމަވެސް މިހާރި އެހެން ހެއްޔެވެ؟ ފަތެއް ކަނޑައިލާގެ ކަށިކެޔޮ ގަހެއްވެސްނެތެވެ. ކަނޑައި ހުސްވީއެވެ. ހޭޅިއާވެސް އެކުގައެވެ. ނަތީޖާއަކީ ވައިޖައްސައިލަންދާނެ އަތިރިއެއްނެތުމެވެ. އަތިރިއެއް އޮތިއްޔާ ގުދުރަތީ އެއްވެސް ސިފައެއްނެތެވެ. ގޮނޑުދޮށާއެކު އެވަނީ ހިއްކައިފައެވެ. ކުރީގެ ހިތްގައިމު މާހައުލު އެއްކޮށްއެވަނީ ބަދަލުވެފައެވެ. އެންމެން ގޭތެރެއަށް ދެމިގަތީ މިހެންވެގެންނެވެ. އަތިރިމަތިން ކުރިން ފެނުނު ހިތްގައިމު މަންޒަރު ނުފެންނާތީއެވެ. ރުއްގަސް މަދުވެ ތާޒާވައިފޮދެއް ނުލިބޭތީއެވެ. ހުރިހާ އުފަލެއް އޮތީގޭތެރޭގައެވެ. އެމީހަކާއިއެމީހެކެވެ. މިއޮތީ ހައިޓެކް ޒަމާނަކަށް ބަދަލުވެފައެވެ. ކޮމްޕިޔުޓަރުގެ ޒަމާނެވެ. މުނިފޫހި ފިލުވުމަށް ކުރާކަމަކީ ފިލްމުބެލުމެވެ. ޑްރާމާ ސިލްސިލާބެލުމެވެ. ގޭމްކުޅުމެވެ. ވަށައިގެންވާ ހިނގާ އެއްވެސްކަމެއް ނޭނގޭ ހާލުގައެވެ. ނަތީޖާއަކީ ޒަމާނުއްސުރެ އުޅެމުންއައި ދިވެހިގޮތްތައް ބަދަލުވުމެވެ. ބޭރުން އެތެރެކޮށްފައިވާ ގޮތްތަކަށް ހިތްތަކާއި ގޮތްތައް ބަދަލުވެއްޖެއެވެ. ސަގާފަތް ވަޅުޖެހިއްޖެއެވެ. ދިވެހިބަސް ބަހަކަށް ނުވެ ގާދޫކޮލުން ނުކުމެއްޖެއެވެ. ސާފު ދިވެހިބަހުގެ ބަދަލުގައި މަސްހުނި ބަހަކުން ވާހަކަދައްކަން ފަށައިފިއެވެ. މިވަރުންވެސް ސަގާފަތާއި އަމިއްލަވަންތަ ކަމުގެ ވާހަކަ ދައްކަންވީހެއްޔެވެ؟ ދިވެއްސަކަށްވީތީ ފަޚުރުވެރިވާންވީ ހެއްޔެވެ؟ ތިމާވެއްޓޭ ކިޔައިގެން މޮޅުވާހަކަ ދައްކަވީހެއްޔެވެ؟ ތިމާވެށީގެ ނަމުގައި ކޮނޑުގައި މެޑެލްޖަހަންވީ ހެއްޔެވެ؟ ހައްތާވެސް ސުވާލެވެ. ގޭތެރެއިން ލިބެނީ ފަންކާގެ ހޫނުވަޔެވެ. ގަސްގަހާއިގެހީގެ ހިޔާވަހިކަމުންދިން ފިނިކަމުގެ ބަދަލުގައި މިހާރު ލިބެނީ އެއާކޯނުގެ ފިނިކަމެވެ. މިދަލުތަކަށް ކިޔަނީ މިކިޔަނީ ތަރައްގީއެވެ. ޒަމާނީ ތަރައްގީއެވެ. ތިމާވެއްޓެއްނެތެވެ. އަމިއްލަ އަކުރާއި ބަހާމެދު ފަރުވާލެއްނެތެވެ. ގައުމިއްޔަތާމެދު އަމުދުން ފިކުރެއްނެތެވެ. އާދަކާދައާއި ސަގާފަތަކީ ބޯދާ ކަމަކަށްވެ އެކަން އަތުން ދޫވެއްޖެއެވެ. އެއްބައިވަންތަކަމެއްނެތެވެ. އިސްވެ ދެންނެވި ކަންކަމަށް ފިކުރިހިންގާލާއިރު އުފެދޭ ސުވާލެއްވެސް އެބައޮތެވެ. ހަގީގަތުގައިވެސް އަހަރެމެން މިތިބީ ތަރައްގީވެފައިހެއްޔެވެ؟ މިސުލު ތިޔަބޭފުޅުންނަށް ދޫކޮށްލާނަމެވެ.