އޭޑަބްލިޔުޓީ އާއި ހިތަދޫ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ “ހަބްރޫޓު ވިމެންސް ފުޓުސަލް 2017 ” މުބާރާތުގެ ފައިނަލަށް މަރަދޫ އަވައެފްޓީ ދަތުރުކޮށްފިއެވެ.
ތިންޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލަށް އަވައެފްޓީ ގޮސްފައިވަނީ ހިތަދޫ ޔޫތު ސެންޓަރުގެ ފުޓުސަލް ދަނޑުގައި މިއަދު ހަވީރު މައިލޯ ވިމެންސް އެފްސީއާ ބައްދަލުކޮށް 3-1 ލަނޑުން މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އަވައެފްޓީގެ 3 ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހައްވާ ޝަފާއެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މަލްހާ މުޙައްމަދެވެ.
މިމުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިރޭ ހިތަދޫ ވިމެންސް އާއި މައިލޯ ވިމެންސް ބައްދަލު ކުރާނެއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނެއެވެ.އަދި މިމެޗު އެއްވަރު ވެގެން ނިމިއްޖެ ނަމަ ފައިނަލްއަށް ދާނީ މައިލޯ ވިމެންސެވެ.
ހަބްރޫޓު ވިމެންސް ފުޓުސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ހަބްރޫޓެވެ. ކޯސްޕޮންސަރަކީ ދިރާގެވެ. މީޑީއާޕާޓްނަރަކީ އޭއޯނިއުސްއެވެ.