English Edition
Dhivehi Edition

ކައިވެންޏަށް ފަހު، އެކަކު އަނެކަކަށް ވަގުތު ދެވޭވަރު ކުޑަވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ދަރިން ލިބުމަށް ފަހު ދެމަފިރިންގެ ހުރިހާ ވަގުތެއްވެސް ދަރިންނަށްޓަކައި ހުސްކުރެއެވެ. ދުވަހުގެ ބިޒީ ޝެޑިއުލްއަށްފަހު، ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަކީ ވަރަށް ބުރަކަމަކަށް އޮންނަނީ ވެފައެވެ. ލިބޭ ހުސްވަގުތު ގިނަ މީހުން ސޯޝަލް މީޑިއާގައި ހޭދަކުރާއިރު، ބައެއް މީހުން ބޭނުންވަނީ އަވަހަށް އަރާމުކޮށްލާށެވެ. މިފަދަ ދިރިއުޅުމަކަށް ބައެއް މީހުން ހޭނޭއިރު، ބައެއް މީހުން ބައިވެރިޔާގެ ސަމާލުކަން ހޯދަން ބޭނުންވެއެވެ. އެކުގައި ވަގުތު ހޭދަކުރަން ބޭނުންވެއެވެ. ލޯބިން އެކުގައި އަބަދުވެސް އުޅެން ބޭނުންނަމަ ބައިވެރިޔާއަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނިދުމުގެ ކުރިން އަބަދުވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރުން: ސޯޝަލް މީޑިއާގެ ނޫފޫޒާއި ބާރުގައި ޖެހި ގިނަ ގުޅުންތަކެއް ނިމިގެން ދާއިރު ދެމީހުންވެސް ލިބޭ ހުސްވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމަކީ މިހާރު ވަރަށް ބޮޑު މައްސަލައެކެވެ. ބައިވެރިޔާ ކައިރީގައި ހުންނައިރުވެސް ބައިވެރިޔާއަށް ދޭންވާ ސަމާލުކަން ދެވެނީ ފޯނުގެ ސްކްރީނަށެވެ. ދެމީހުންވެސް ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އެކުގައި ހޭދަކުރަން ލިބޭ ވަގުތު ދިރިއުޅުމުގެ އެކި ކަންކަމާއި ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކުރުން މުހިއްމެވެ. ތިމާގެ އިހުސާސްތައް ބައިވެރިޔާއާ ހިއްސާ ކުރުމާއި، ބައިވެރިޔާ ދައްކާ ވާހަކަތައް ސަމާލުކަމާއެކު އަޑުއެހުން މުހިއްމެވެ.

ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ބައިވެރިޔާއަށް ހާއްސަކުރުން: ދެމީހުން އެކުގައި ކުރާ ކުދިކުދި ކަންތައްތަކުންވެސް ދިރިއުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ރަނގަޅު ބަދަލުތައް އާދެއެވެ. ބައިވެރިޔާ އާއި އެކު ހޭދަކުރާ ކޮންމެ ވަގުތަކީވެސް ދެމީހުންނަށް އުފާވެރި ވަގުތެއްކަމުގައި ހެދިދާނެއެވެ. އެކުގައި ވަގުތު ހޭދަކުރުމަށް، ދުއްވާލަން ދިއުމާއި، ފިލްމު ބެލުމާއި، ހަފްތާއަކު އެއް ފަހަރުވިޔަސް ރެސްޓޯރެންޓަށް ދިއުމަކީ ކޮށްލެވިދާނެ ކުޑަކުޑަ ކަންތައްތަކެވެ.

މީގެ އިތުރުން ހަދިޔާ ބަދަލުކުރުމާއި، ކޮށްދޭ ކުދިކުދި ކަންތައްތައް ބަލައިގަތުމާއި، އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި، ގޭތެރޭގެ މަސައްކަތުގައި ބައިވެރިވުމަކީވެސް ކުރެވިދާނެ ކަންތައްތަކެވެ.