English Edition
Dhivehi Edition

މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ތުހުމަތުކުރި މީހާ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދުއަޙްލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ މި ތުހުމަތުތަކާއި ގުޅިގެން އެއީ ތެދު ހަގީގަތެއްތޯ ސާފުކޮށްދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު އެމަނިކުފާނަށް މިކަމަށް ބާރުލިބޭ އެއްވެސް ކަހަލަ ހެއްކެއް ހާމަކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުންގެ ގައުމެއްގެ އެންމެ އިސްވެރިޔާގެ ބޮލުގައި މިފަދަ އިލްޒާމެއް އަޅުވާ ބިރުދައްކަން މަސައްކަތްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ރައީސް ނަޝީދު ހައްޔަރުކުރުމަށްވެސް ގޮވާލާފައެވެ.

މި ގޮތުން ޝައިހް އިލްޔާސް ވިދާޅުވީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ. އެމީހާގެ ގައިގައި ގަޒުފްގެ ހައްދު ޖަހަންޖެހޭނެ ކަމަށާއި އަދި ހެކި ބަސް ގަބޫލުނުކުރެވޭނެކަމަށެވެ. އަދި މިފަދަ މީހުންގެ ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ބައިތިއްބައިގެން ވެސް ނުވާނެކަމަށް ޝައިހް އިލްޔާސް ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެއެވެ. އަދި ހަތަރު ހެކިން ނުގެނެސްފިނަމަ ގަޒްފުގެ ހައްދުގެ އަށްޑިހަ އެތި ފަހަރު ޖަހަން ޖެހޭނެ އެވެ. މީގެ އިތުރުން އެމީހަކީ ފާސިގެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ އެވެ.