English Edition
Dhivehi Edition

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންތިޒާމްކުރާ މޯލްޑިވްސް މެރިން އެކްސްޕޯގެ 7 ވަނަ އެޑިޝަން އަންނަ އޮގަސްޓްމަހު ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ،ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސްކުރިއަށްގެންދާ މި އެކްސްޕޯ ގެ މިއަހަރުގެ އިވެންޓް ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ 11 އިން 13 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އެންބީއެމްގެ އޮފިޝަލް އިވެންޓެއް ކަމައްވާ މިއިވެންޓް އޮގަނައިޒްކުރަނީ މީޑިއަމް ޕްރައިވެޓް ލިމިޓެޑުންނެވެ. ބޯޓިންގ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ އެކްސްޕޯވެސް ވެގެންދާނީ މަޝްހޫރު ހުރިހާ ބޯޓް ބިލްޑަރުންނާއި އިންޖީން ބްރޭންޑްތަކާއި އިންޓަނޭޝަނަލް މެރިން ބްރޭންޑްތަކާއި ވޯޓާސްޕޯޓްސް އަދި ޑައިވް ބްރޭންޑްތައް ވެސް ބައިވެރިވާ މި ސިލްސިލާގެ އެންމެ ބޮޑު އިވެންޓަށް ކަމަށެވެ.

މި އެކްސްޕޯގައި މި އަހަރުވެސް 50 ފަރާތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތަކުން ބައިވެރިވާނެއެވެ. މީގެ

މިއަހަރުގެ އެކްސްޕޯގައިވެސް ޕްރޮޑަކްޓް ލޯންޗުކުރުމާއި ބޯޓުތަކާއި އިކުއިޕްމެންޓު ދައްކާލުމާއި، މެރިން ފުޑް، ޕެނެލް ޑިސްކަޝަން އަދި މީގެއިތުރުން، އިވެންޓް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ. މީގެއިތުރުން، ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، ޓްރޭޑް ސެކްޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކްސްޕޯ ކުރިއަށްދާ ވަގުތު ބޯޓުތައް ދައްކާލަން ބަހައްޓާފައި ހުންނާނެ ކަމަށާއި، ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ވިއްކާ ފަރާތްތަކާއި ވާހަކަދައްކާ މައުލޫމާތު ލިބިގެންދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު އޮންލައިންކޮށް އެކްސްޕޯ ބޭއްވުމަށް ފަހު ފިޒިކަލް އެކްސްޕޯއެއް ބާއްވާފައިވަނީ ނިމިދިޔަ 2021 ވަނަ އަހަރުއެވެ.

އާއްމުކޮށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓު 13،12،11 ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.