ވޭތުވެ ދިޔަ ދުވަސްތަކުގައި އެއްކުރެވުނު މައުލޫމާތުގެ އަލީގައި، ރައީސް ޔާމީން އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތީން ހަމަލާދޭން އުޅުނުކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ރ. އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކެއް އިފްތިތާޙުކުރުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފައިނުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، ރައީސަށް ހަމަލާދެއްވަވަން ބަޔަކު އުޅުނު ނަަމަވެސް ރައީސްގެ ހިކުމަތު އަމަލީން އެކަމުން ރެކިވަޑައިގެންފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ ބަޣާވާތްކޮށްގެން ރައީސް ޔާމީންގެ ޒަޢާމަތް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެއްވެސް ބަޔަކަށް އޮތް ހައްގެއް ނޫންކަމަށާއި އިސްލާމްދީނުގެ ފުރިހަމަ އަގީދާގެ މަތީގައި ދިވެހިން ތިބިއިރު، ޓެރަރިޒަމްގެ ހަމަލާތަކުން މުޅި ގައުމު ތަޣައްޔަރުކޮށް ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަ ކަމާއި އެކުވެރިކަން ނަގާލައި، އެތައް ފަރުދުންނެއް ފަނާކޮށްލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި ގައުމުގައި އުދުވާނީ ހަމަލާ ހިންގުމަށް ފުރުސަތު ނުދޭނެ. ދިވެހިންނަކީ އެއްބައިވަންތަކަމަށް މަސައްކަތް ކުރާ ބައެއްކަން އެންމެންގެ ހިތުގެ އަޑިން ބުނެދޭންޖެހޭ” މިނިސްޓަރ ވިދާޅުވިއެވެ.