English Edition
Dhivehi Edition

ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނިފޯމު ބޭނުންކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

މިކަން ކުށްވެރިކޮށް ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ.

މިއީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވާ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަން ފާހަގަކޮށް ސްކައުޓުންނަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހިކަމަށްވެސް މި ބަޔާނުގައި ވަނީ ފާހަކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުޑަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އިތުރަށް އެ ބަޔާނުގައިވަނީ އެސޯސިޢޭޝަނުގެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައެވެ.