English Edition
Dhivehi Edition

ސްޓެލްކޯއިން ކުޑަގިރި ދިއްލާލައިފިއެވެ.

އެ ކުންފުނިން ބުނީި މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި ކަމަށް ވެސް ބުންޏެވެ.

އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް މިހާރު ވަނީ މިކުންފުނިން ހަރުކޮށް ދިއްލާލާފައިކަން ފާހަގަކޮށްފައިވެއެވެ. އަދި ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައި ކަމަށާއި ކުޑަގިރީގައި މިހާރު މިކުންފުނިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރެވުނީ މިދިޔަ މަހުގެ 28 ވީ ދުވަހު ކަމަށް ވެސް ބުންޏެވެ.

އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށްޓަކައި، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުން ކަމަށާއި ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމްއާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފައެވެ.