މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކ. މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދު ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
“މާފުށީ ޢީދު އުފާ” ގެ ނަމުގައި މާފުށީ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލް ކުރިއަށްދާނީ 8 އިން 11 ޖުލައިގެ ނިޔަލަށެވެ. ފެސްޓިވަލްގައި ކުރިއަށް ދާނެ ބައެއް ސަގާފީ ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުން، ކޯޑި ނެރުން އަދި މާލި ޕެރޭޑް ހިމެނެއެވެ. މީގެ އިތުރުން ކަލަރ ރަންއަކާއި، ވޯޓަރ ޕާކްގެ ހަރަކާތްތަކާއި ޚާއްސަ ޢީދު ޝޯވ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ޢީދު ހަރަކާތްތަކުގައި ބައިވެރިވުމަށް 7000 މީހުން މާފުށްޓަށް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން ލަފާކުރެއެވެ.
“އިޖްތިމާޢީ އަދި ސަގާފީ އެކި ކަންކަމާއި އިވެންޓްތަކަށް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. މިފަދަ ޢީދު ހަރަކާތްތަކުގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަޤީން. މިގޮތުން އަޅުގަނޑުމެންގެ މިފަދަ ބޮޑެތި އިވެންޓްތަކަށް ދިރާގުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރަން،” މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާޙް ވިދާޅުވިއެވެ.
“މާފުށީ ޢީދު އުފާ” ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ސަގާފީ ހަރަކާތްތައް ޕްރޮމޯޓް ކުރާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް އަދި ދިރާގުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަންކަމަށް އެއްބާރުލުން ދޭނަން،” ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
މުޖުތަމަޢު ބާރުވެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސެވެ. މިގޮތުން ރާއްޖޭގެ އިޖްތިމާޢީ ކުރިއެރުމަށް ފުރުޞަތު ތަނަވަސްކޮށްދޭ ތަފާތު މަޝްރޫޢުތަކަށް އެކުންފުނިން އަންނަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާގުން ދަނީ ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ބާރުއަޅާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.