އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.
“އެންމެ ގާތުން” ކެމްޕެއިންގެ ދަށުން ރައްޔިތުންގެ ޙާލު ބެއްލެވުމަށް މެޑަމް ފާތުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުގައި މެޑަމް ފާތުން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެސިޓީގެ ރައްޔިތުންގެ ޙާލު އަހުވާލު ބެއްލެވުމާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް އެންމެ ގާތުން އެއްސެވުން ކަމަށެވެ.
“މި ދަތުރުގައި އައްޑޫގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުވެ ވާހަކަދައްކާލުމުން އެފަރާތްތަކަށާއި އެފަރާތްތަކުގެ ޢާއިލާތަކުގެ އިހުސާސްތައް ގާތުން އަޑުއިވިގެން ދިޔަ. އެހެންކަމުން މިފަދަ ފަރާތްތަކަށާއި އަދި ޖުމްލަ ގޮތެއްގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަމިއްލަ ހައިސިއްޔަތުންނާއި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކާއި ގުޅިގެން ޙައްލުކުރުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަރުވަން” މެޑަމް ފާތުން ވިދާޅުވިއެވެ.
މެޑަމް ފާތުން ވަނީ، އައްޑޫ ސިޓީއަށް އެކަމަނާ ވަޑައިގަތުމުން، އެކަމަނާއަށް ކިޔުއްވި މަރުޙަބާއަށް އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. ހަމަ މިއާއެކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަކީ އެކަމަނާއާ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށް މެޑަމް ފާތުން ވަނީ ވިދާޅުވެފައެވެ.
އޮކްޓޯބަރު ނަވާރައިން 23 އަށް މެޑަމް ފާތުން އައްޑޫއަށް ކުރެއްވެވި ޒިޔާރަތުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވަކިވަކިން ވަޑައިގެން އެތަންތަނުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވަވާފައެވެ.
މި ދަތުރުފުޅުގައި މެޑަމް ފާތުން އާއި އެކު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފާއި ހައުސިންގް މިނިސްޓަރު މުޙައްމަދު މުއިއްޒުގެ އިތުރުން ބައެއް މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.