ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިނގީ އެތަނަށް ދާން ޖެހޭ ފުލުހުންގެ ވަކި ޓީމެއް ނުގޮސްގެން ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެ އިވެންޓާއި ގުޅިގެން ހަރަކާތްތެރިވާން ޖެހުނު ހުރިހާ ޓީމުތަކެއް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.
އެހެންނަމަވެސް އެކަން ދިމާވުމުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ޓީމުތަކުގެ މެދުގައި ޓެކްޓިކަލް އޮޅުމެއް އަރާފައިވާ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަނޑަށް ވަން މީހުން ބައެއް ތަކެއްޗާއި މީހުންނަށް ހަމަލާ ދިން ނަމަވެސް ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެކަމަކު އެ ދުވަހު އެމީހުން ދަނޑަށް ވަން އިރު ދަނޑުގައި ބޭރުގެ ފަސް ޑިޕްލޮމެޓަކާއި ސަރުކާރުގެ އިސް ބައެއް ވެރިންނާ ކުޑަކުދިން ތިބި.” ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މީގެ ކުރިން މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު އެކަން ދިމާވީ ގޯސްކޮށް ކަމަށެވެ. އަދި ސެކިޔުރިޓީ ބްރީޗް ވި ގޮތުގެ ވާހަކަ މިވަގުތު ނުދައްކަވާނެ ކަމަށާއި އެކަމަކުސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މިހާރު ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭސީޕީ ޝުޖާއު ވިދާޅުވީ އެ އިވެންޓާ ގުޅޭ ގޮތުން ލިބެން ޖެހޭ ކްރިޓިކަލް މައުލޫމާތުތަކެއް ނުލިބި އެބަހުރި ކަމަށާއި އެ ދުވަހު ގަލޮޅު ދަނޑުގެ ދޮރު ނުވަތަ ސެކިއުރިޓީ ފޫއަޅުލާލާފައި ވަދެވުމުގައި ޓެކްޓިކަލް މައްސަލަތަކެއް އެބަހުރި ކަމަށެވެ.