English Edition
Dhivehi Edition

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ. ދިގުރަށަށް މިއަދު ތައާރަފްކޮށްފިއެވެ.

އެ ޚިދުމަތް ދިގުރަށަށް ތަޢާރަފް ކުރީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކުގައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު ފިކްސްޑް ބްރޯޑްބޭންޑް، ސުޕަރނެޓް ޕްލޭންތަކަކީ މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ޙިދުމަތެއް ދިގުރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށްް ބޮޑު އުފަލެއް ކަމަށެވެ.

“މި ޙިދުމަތާއެކު ދިގުރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ. ހަމަ މިފަދައިން މުޖުތަމަޢުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވަން.” ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަރނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެއެވެ.

ދިގުރަށުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަރނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.