ކުރީގެ އަނބިމީހާ އެމްބާ ހާޑާ ދެކޮޅަށް ކޯޓުގައި މައްސަލަ ހުށަހެޅީ ފައިސާގެ ދަހިވެތި ކަމުގައި ނޫންކަމަށް މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ގެ ވަކީލު ބުނެފިއެވެ،
މި މައްސަލައަކީ މިއަހަރުގެ އެޕްރީލް މަހު ޑެޕް ވާޖިނިއާގެ ކޯޓަކަށް ހުށަހެޅި މައްސަލައެކެވެ. ޑެޕް މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އޭނާއަކީ އަނިޔާވެރި އަދި ގެވެށި އަނިޔާކޮށްފައިވާ މީހެއް ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ނޫސް “ވޮޝިންގްޓަން ޕޯސްޓް”ގައި ޝާއިއުކުރި ހަބަރަކާއި ގުޅިގެންނެވެ. މި ހަބަރާއެކު ޑެޕްއަށް އެތަކެއް ފިލްމުތަކެއް ގެއްލި އޭނާއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނެވެ، މި ގޮތުން “ޕައިރޭޓްސް އޮފް ދި ކެރީބިއަން” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޑެޕް ޕައިރޭޓްސްގެ އެންމެ ފަހުގެ ފިލްމުން ވެސް ވަނީ ޖާގަ ގެއްލިފައެވެ.
ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑް ޝާއިއު ކުރި އެ ލިޔުމުގައި ޑެޕްގެ ނަން ޖަހާފައި ނުވި ނަމަވެސް ޝަރީއަތުން ނިންމާފައި ވަނީ އެ ލިޔުން ނިސްބަތް ކޮށްފައި ވަނީ ޑެޕް އަށް ކަމަށެވެ.
މި މައްސަލައިގެ އަޑު އެހުންތަކުގައި ޑެޕްގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވެސް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.
މި މައްސަލައިގައި ޑެޕް އަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު، ޑެޕްގެ އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުން 10 މިލިއަން ޑޮލަރު އަދި އެކަން ކުރުމުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން ޑޮލަރު ދެއްކުމަށް ހާޑްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. ކޯޓުގައި ލިބުނު ކާމިޔާބީއަށް ފަހު ޑެޕް ނެރުނު ބަޔާނުގައި ބުނީ ޖޫރީން އޭނާގެ ދިރިއުޅުން އަބުރާ ހޯދާދީފައިވާކަމަށެވެ.
ޑެޕްގެ ވަކީލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ، ހާޑް ދޭންޖެހޭ ފައިސާ ފަހަރެއްގައި ޑެޕް މާފް ކޮށްދީފާނެ ކަމަށެވެ. އަދި ހާޑާ ދެކޮޅަށް ކޯޓުގައި މައްސަލަ ހުށަހެޅީ ފައިސާގެ ދަހިވެތި ކަމުގައި ނޫންކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ،