ޗެމްޕިއަން ޓީމަށް 8،000 ރުފިޔާ ލިބޭ ޕީއެސް5 މުބާރާތެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މި މަހު ބާއްވަން ނިންމައިފިއެވެ.
އެ ޕާޓިން ބުނީ މިއީ މޯލްޑިވްސް ޔުނިފައިޑް ގޭމިންގ ގުޅިގެން ބާއްވާ މުބާރާތެއް ކަމަށާއި މުބާރާތް ފަށާނީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ. އަދި 200 އަށްވުރެ ޓީމުން 400 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުން ހިލޭ ހުޅުވާލި އިރު، އެއްވަނަ އަށް ނުވަތަ ޗެމްޕިއަން ޓީމަށް 8000 ރުފިޔާ ދޭނެއެވެ. ދެވަނައަށް 5000 އަދި ތިންވަނައަށް 3000 ރުފިޔާ ދޭނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހަތަރު ވަނައަށް އެއްހާސް ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ފަސްވަނައިން ފެށިގެން އަށްވަނައަށް އަންނަ ކޮންމެ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އެންމެގިނަ ޕޮއިންޓު ހޯދާ ޓޮޕް ސްކޯރިންގ ޓީމަށް އެއްހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ މި މުބާރާތް ހަތަރެއް ނުވަތަ ފަސް ދުވަހަށް ކުރިއަށްދާނެ ކަމަށާއި މުބާރާތް އޮންނާނީ އެޕާޓީގެ ޖަގަހައިގާ ކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.