English Edition
Dhivehi Edition

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން 2022 މެއި 18 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (Cannabis)އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 6.374 ކިލޯގެ މަސްތުވާތަކެއްޗާއި، އެއާރކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށްޓަކައި ކަސްޓަމްސްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެންމެފަހުގެ ޓްރެންޑްތައް ދެނެގަނެ މުވައްޒަފުންނާއި ހިއްސާކޮށް، މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި ކަމާ ގުޅުންހުރި ތަމްރީންތައް ދީ، ބަލާފާސްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް މަސައްކަތު މާހައުލުގައި ބޭނުންކުރަންވަނީ ފަށާފައެވެ.

މީގެ އިތުރުން ވެސް ކަސްޓަމްސްގެ އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.