English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނުގެ އެއްވެސް މައްސަލައެއް ތަހުގީ ކުރައްވާފައި ނުވާކަމަށް ރައްޔިތުންގެ މަޖޮލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނަށްވުރެ ކުރިން ރައީސްކަން ކުރެއްވި ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގައިފައިވާ ގާނޫނާ ޚިލާފު ކަންކަން ތަހުގީގު ކޮށްދެއްވާނެ ކަމުގެ ވައުދާއެކުގައި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެކަން ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގާފައިވާ އެފްޕީއައިޑީގެ ޚިޔާނާތާ ގުޅޭ ލިޔެކިޔުންތައްވެސް ވަނީ ނަޝީދުގެ ވެރިކަމުގައި މަޖިލިސް ތެރެއިން ގެއްލިފައިކަމަށެވެ. އެފަދަ މުހިންމު ލިޔުންތަކެއް މަޖިލިސް ތެރެއިން ގެއްލިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެއްލުމުން އެކަން ހިނގި ގޮތެއްވެސް ހޯދަންޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ގެއްލިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިޖޫރީގައި ހުއްޓައި ކަމަށެވެ. އެހެންކަމުން އެ ހޯދަން ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.