English Edition
Dhivehi Edition

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ފުވައްމުލައް ސްޓަޑީޒް ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ހަފްލާގައި މި ސެންޓަރު ހުޅުވައި ދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގު އެވެ. ޒިކުރާ ކޮލެޖުގެ ޑިޕާޓްމެންޓް އޮފް ރިސާޗް އެންޑް އިންނޮވޭޝަންގެ ދަށުން އުފެއްދި މި ސެންޓަރުގެ އިސްވެރިއަކީ އިބްރާހިމް ޝަމީމު އެވެ.
ޒިކުރާ ކޮލެޖުގައި ހުޅުވި މި ސެންޓަރުގެ މައިގަނޑު މަސައްކަތްތަކަކީ، އަތްތެރިކަމުގެ ކޯސް، ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއާ އާއި ނެޓްވޯކިން، އިވެންޓް މެނޭޖްމެންޓް ، އިންވެންޓްރީ މެނޭޖްމެންޓް، ފެޝަން ޑިޒައިން އެންޑް ޓެއިލަރީ، އަދި ވެލްޑިން ފަދަ މަސައްކަތުގެ ތައުލީމާއި ތަމްރީނު ދަރިވަރުންނަށް ހޯދައިދިނުމެވެ.
މީގެ އިތުރުން ގުރުއާން މުބާރާތް ބޭއްވުމާއި، ދީނީ މައުޟޫއު ތަކަށް ވާހަކަ ދެއްކުމާއި،އިސްލާމީ ސަގާފަތާއި ގުޅޭ ހުނަރު ޕްރޮގްރާމް ތަކާއި ގުރުއާން މުދައްރިސުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި އަދި ގުރުއާން ކްލާސްތަކުގެ އިތުރުން ގުރުއާން ހިތުދަސްކުރާ ކްލާސް ހިންގުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އިސްމާއީލް ރަފީގް ވަނީ ކޯސްތައް ނިންމާ މީހުން ސަރުކާރުގެ ވަޒީފާތަކަށް އަމާޒު ހިފުމުގެ ބަދަލުގައި އަމިއްލަ މަސައްކަތް ކުރުމަށް، ވިސްނުން ބަދަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.