English Edition
Dhivehi Edition

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ އަޅަން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފިއެވެ.

މިއީ އެކަމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ ގާމެންޓް ފެކްޓަރީ ރާވައި ހިންގާނެ ގޮތާއި، ފެކްޓަރީ ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން އެކުލަވާލަންޖެހޭ އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލައި މުޅި މަސައްކަތް ވިލަރެސްކުރާނީ ކޮންސަލްޓަންޓެއް ކަމަށެވެ.

ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ވެސް ބީސީސީގެ އިއުލާން ކޮށްފައިވާއިރު، ގާމެންޓް ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ހުށަހެޅުގެ މުއްދަތު މި މެއި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހަމަވާނެއެވެ.

ބީސީސީން ބުނީ ގާމެންޓް ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީގެ މަސައްކަތަށް ލިބޭނީ ހަ މަސް ދުވަސް ކަމަށާއި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެ މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ.

ގާމެންޓް ފެކްޓަރީގެ ކޮންސަލްޓަންސީގެ މަސައްކަތުގައި ފެކްޓަރީއަށް ބޭނުންވާ މެޝީނަރީ އާއި އެހެނިހެން ސަޕްލައި ހޯދުމުން ފެށިގެން ފެކްޓަރީގައި އުފައްދާނެ އަންނައުނުގެ ބާވަތްތަކާއި ކޮލިޓީއާ ގުޅޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ފެކްޓަރީގައި ޓޫރިސްޓުންނަށް ބޭނުންވާ އަންނައުނު ތައްޔާރުކުރުމާއި އެތަނުގެ މުވައްޒަފުންނާއި ގާމެންޓް އަދި ފެޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނު ދިނުން ވެސް ހިމެނެއެވެ.

2020 އަހަރު ވެސް ބީސީސީން ވަނީ އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ އަޅަން ބީލަމަށް ހުޅުވާލައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

ބީސިސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

މީގެ އަހަރުތަކެއް ކުރިން އައްޑޫ ސިޓީ ގަމުގައި ސްރީލަންކާގެ ކުންފުނިތަކުން ވަނީ ގާމަންޓް ފެކްޓަރީތަކެއް ހިންގާފައެވެ.