English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ބްރައިންޓަން އާއި ދެކޮޅަށް ކުޅެ ލަދުވެތި ގޮތަކަށް ބަލިވެ އަންނަ ޒީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް އޮތް ދޮރު މެންޗެސްޓާ ޔުނައިޓެޑަށް ވަނީ ބަންދުވެފައެވެ.

އެހެން ކަމުން މިވަގުތު އިނގިރޭސި މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވެމުން އަންނަ އެއްވާހަކަ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބު ބަދަލުކުރުމަށް ވިސްނަމުން އަންނަ ކަމަށް ބުނާ ވާހަކަތެކެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގެ ކިންގްގެ ނަމުން މަޝްޙޫރު ވެފައިވާ ރޮނާލްޑޯ އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އޭނާ އެންމެ އެދޭގޮތް ކަމަށް ވާއިރު، ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ނުކުޅެވުމަކީ ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ސަބަބެކެވެ.

ނިމިގެން ދިޔަ އަހަރުގެ ހޫނު މޫސުމުގައި އިޓަލީގެ ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯ ވަނީ އަންނަ ސީނަނުގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ޔުނައިޓެޑަށް ނުކުޅެވޭނަމަ އެ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭ މޭރުމަކުން މީގެ ކުރިން ވާހަކަ ދައްކާފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިކަން އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސި މީޑިއާތައް ބުނާގޮތުން ބްރައިޓަން އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ އުންމީދު ޔުނައިޓެޑަށް ގެއްލުމާއި އެކު ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރި ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންއަށް އޭނާގެ މުސްތަގުބަލާއި ބެހޭގޮޮތުން މަސްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް އެދި މެސެޖެއް ފޮނުވާފައެވެ.

ރޮނާލްޑޯ ފާގަސަންއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ކަމަށާއި، މިހާރުގެ ކުލަބުގެ މުސްތަޤުބަލާއި ގުޅޭގޮތުން ގޮތެއް ނިންމަން ވަރަށް އަވަހަށް ބޭނުންވާކަމަށެވެ.

އަދި ރޮނާލްޑޯ ފޮނުވި މި މެސެޖުގެ ޖަވާބުގައި ފާގަސަން ރޮނާލްޑޯގެ ކިބައިން އެދިފައިވަނީ އަންނަ ސީޒަން ނިމެންދެން ޔުނައިޓެޑްގައި މަޑުކޮށްދިނުމަށެވެ. އަދި ޔުނައިޓެޑް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ރޮނާލްޑޯގެ ބޭނުންތެރިކަން ކުލަބަށް ވަރަށް ބޮޑުކަމަށާއި އަންނަ ސީޒަން ނިމެންދެން ރޮނާލްޑޯ ކުލަބުގައި މަޑުކޮށްފި ނަމަ ޔުނައިޓެޑް މިހާރު އޮޮތް ހާލަތުން އަރައިގަތުމަށް އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމަށް ވެސް ފާގަސަން ބުނެފަައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ ވަނީ ގިނަ އަހަރުތަކަކަށް ފަހު ޔުނައިޠެޑަށް އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލް ޖަހާދީފައިވެއެވެ.