ގއ. ވިލިގިނލީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައެެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރުފަށާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާއިރު، ބޮލަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އާސަންދަ މެދުވެރިކޮށް އެމީހުން މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އެ ދެމީހުން މާލެ ގެނައުމަށް ޗާޓަރު ފްލައިޓެއް ހަމަޖެއްސުނީ މިރެއަށް ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް ފްލައިޓެއް ހަމަޖެހިއްޖިއްޔާ ފޮނުވާގޮތަށް ނިންމާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މަގުގެ ދެކޮޅުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި 30 އަހަރުގެ މީހަކަށާއި 18 އަހަރުގެ މީހަކަށެވެ.