English Edition
Dhivehi Edition

މި އަހަރުގެ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގައުމީ ކެމްޕޭނެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ)އިން ނިންމައިފި އެވެ.

މި އަހަރުގެ ނޫސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެމްއެމްސީ އާއި ބްރޮޑްކޮމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް މި މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކެމްޕޭނުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމްއެމްސީ އާއި ބްރޮޑްކޮމުން ދޫކުރާ ހާއްސަ ބެޖެއްގެ އިތުރުން ނޫ ކުލަ އެވެ.

މި އަހަރު ނޫސްވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން މާދަމާ ނޫސްވެރިންނަށް ހާއްސަކޮށްގެން، ނޫކުލައިގެ ހެދުމެއް ގައި ފޮޓޯއެއް ނެގުމަށްފަހު މި އަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޔާރު ކަމުގައިވާ PressFreedomMV# ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް މީޑިއާތަކުން މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ސަރުކާރު އިދާރާ ތަކުން މި ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

މި އަހަރުގެ ނޫސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ގައުމީ ކެމްޕޭނުގައި ގްރޭޑް 11، 12ގެ ދަރިވަރުންނަށް ބަހުސް މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ، މި މަހުގެ ފަހު ހަފްތާގައި ކުރިއަށް ގެންދާ މި ބަހުސް މުބާރާތާއި ބެހޭ ގޮތުން އެމްއެމްސީ އިން ބުނީ މިއީ ޒުވާނުން ނޫސްވެރިކަމަށް ލޯބި ޖެއްސުމަށާއި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ނޫސްވެރިކަމާ ގުޅޭ މުހިންމު މައުލޫމާތު ބަހުސްގެ ސިފައިގައި ގެނެސްދިނުމަކީ ވެސް މި މުބާރާތުގެ އެއް މަގްސަދުކަމަށް އެމްއެމްސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ 27 ގައި މޯލްޑިވްސް ބްލަޑް ސާވީސްގަ އެވެ. މި ހަރަކާތުގެ ތެރެއިން ހިލޭ ލޮލުގެ ސްކްރީން ކޮށްދިނުމާއި ހަކުރުބަލީގެ ސްކްރީން ކޮށްދިނުން ހިމެނެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ގޮތުގައި މި އަހަރު އދ ގެ ޔުނެސްކޯ އިން ކަނޑައަޅާފައިވާ ޝިޔާރަކީ “ޖާނަލިޒަމް އަންޑަ ޑިޖިޓަލް ސީޖް” އެވެ.