English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ އެގާރަ ވަނަ ސީޒަން، ޓީމް ސްޓެލްކޯ ކަނބަލުން ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ ކަނބަލުން އަދި ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަހުގެ އިތުރުން މޯސްޓް އެންގޭޖިންގ ޓީމް ވަނީ ހޮވާފައެވެ.

މީގެތެރޭގައި:

އުރީދޫ މަސްރޭސް 2022 ގެ ޗެމްޕިއަން ޓީމު ކަމަށްވާ ޓީމް ސްޓެލްކޯ ކަނބަލުންގެ ޓީމަށް އިނާމުގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދޭ 50000 (ފަންސާސް ހާސް) ރުފިޔާ އާއި ޑީޓެކް އިން ދޭ އެވިންރޫޑް 8 ހޯސްޕަވަރ އިންޖީނާއި ހައި ފިޝިންގ ޓެކްލްސް އިން ދޭ 10290ރ އަގުހުރި މަސްބާނާ ދޮށްޓަކާއި ލަޔަރ ކެފޭގެ ފަރާތުން ޓީމަށް ދޭ ޚާއްޞަ ކެއުމެއް ވަނީ ދީފައެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ ބަރުމަސް ބޭނި ކެޔޮޅުގެ މަގާމަށް ހޮވުނީ ޓީމް އާރްޑީސީ ގެ ޔާސިރެވެ. އޭނާ ބާނާފައިވަނީ 11.95 ކިލޯގެ އެއިޓްބާ ގްރޫޕަރއެކެވެ. އިނާމުގެ ގޮތުގައި ޔާސިރަށް ވަނީ އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ އާއި ސީރިއަސް އެންގްލަރސް ގެ ފަރާތުން ދޭ އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިންގ ދޮށްޓެއް ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓަކާއި ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދެ މީހުންގެ ކެއުމެއް ދީފައެވެ.

މުބާރާތުގެ ފިރިހެން މަސްވެރިޔާގެ މަގާމަށް 49 މަސް ބާނައިގެން ޓީމް ސްޓެލްކޯ ކަނބަލުން ޓީމުން އަބްދުލް އަޒީޒް (އަޒީބެ) ހޯދިއިރު، އޭނާއަށް ވަނީ އިނާމުގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާއާއި އޮބިއަންގެ ފަރާތުން ދޭ އެކްސަސައިޒް ބައިކް އަދި ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓަކާއި ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދެ މީހުންގެ ކެއުމެއް ލިބިފައެވެ.

މިއަހަރުގެ މުބާރާތުގެ މޯސްޓް އެންގޭޖިންގ ޓީމް ނުވަތަ އެންމެ ހިންގާލާ ޓީމަކަށް ހޮވުނީ ޓީމް އެފްއެސްއެމް އެވެ. އެ ޓީމަށް އިނާމުގެ ގޮތުގައި ރަންފައުންގެ ފަރާތުން ދޭ ޕެނަސޮނިކް އޭސީއަކާއި ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ދޭ ތަރާވީސް ކެއުމެއް ލިބިފައިވެއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމް ސްޓެލްކޯ ކަނބަލުންގެ ޓީމަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައިވަނީ 191.05 ޕޮއިންޓެވެ. ތިންވަނަ ހޯދާފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައިވަނީ 178.85 ޕޮއިންޓެވެ.

ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޒަހާ ވަޙީދު، އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރު އަލް އުސްތާޒާ. ދީނާ ހުސައިން އާއި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ މަސްރޭސްގެ ސީޒަން 11 އަށް ޓީމްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި ރާއްޖޭގައި ރަމަޟާން މަހު އެންމެ ގިނަ ބަޔަކު ފޯރިއާއެކު ބައިވެރިވާ އެއް އިވެންޓް ކަމުގައިވާ އުރީދޫ މަސްރޭސް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު އަލުން ފެށިއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ތިބީ ޝައުޤުވެރިކަމާއެކު އިންތިޒާރުކޮށްގެން ކަމަށެވެ.

“އެހެންކަމުން އުރީދޫ މަސްރޭސް 2022 ވެގެންމިދިޔައީ ވަރަށް ފޯރި ގަދަ ވާދަވެރި ސީޒަންއަކަށް. އުރީދޫ މަސްރޭސް ގެ ތާރީހުގައި ރެކޯޑް އަދަދަކަށް މަސް ބާނައިގެން ޗެމްޕިއަންކަން ނެންގެވި ޓީމް ސްޓެލްކޯ ކަނބަލުން ގެ އިތުރުން ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ހޫނު މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. މި އިވެންޓް ފޯރިގަދަ އަދި ކުލަގަދަ އިވެންޓްއަކަށް ހަދައިދިން ހުރިހާ ބައިވެރިންނާއި ސަޕޯޓަރުން އަދި ޕާޓްނަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން.” ނިޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް، ޖުމްލަ 23 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ.