English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީ ގެ ހުޅުމީދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާާގެ ޝަރަފުގައި ރޭ ޚާއްޞަ ބާބެކިއު ޕާޓީއެއް ބާއްވައިފިއެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މި ޕާޓީ ގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއްވަނީ ބައިވެރިވެފައެވެ.

“އެންމެ ގާތުން” ކެމްޕެއިންގެ ދަށުން ރައްޔިތުންގެ ޙާލު ބެއްލެވުމަށް މެޑަމް ފާތުން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ހުޅުމީދޫއަށް ވަޑައިގެންފައިވަނީ އިއްޔެ ހަވީރުއެވެ. މީދޫއިން އެކަމަނާއަށް ވަނީ އެރަށުން ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މެޑަމް ފާތުން ހުޅުމީދޫއަށް ވަޑައިގެން އެރަށުގައި ދިރިއުޅުއްވާ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވަވާފައެވެ. މިގޮތުން ޙާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ، އަންހެނުންގެ ޖަމިއްޔާތަކުގެ އިތުރުން އިސްރަށްވެހިންނާއި އަދި ޒުވާނުންނާ މެޑަމް ފާތުން ވަނީ ބައްދަލުކުރައްވަވާފައެވެ.

ހުޅުމީދޫގެ އިތުރުން އައްޑޫ ސިޓީގެ އެހެން ރަށްރަށަށްވެސް އެކަމަނާ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަވާ އިރު މިއަދު ހަވީރު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ޚާއްޞަ ފުޓްބޯޅަ މެޗެއްވެސް އެކަމަނާާ ޝަރަފުވެރިވެރިކޮށްދެއްވަވާނެއެވެ. އަދި މިރޭ ހިތަދޫގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެކަމަށް މެޑަމް ފާތުންގެ ޓީމުން މަޢުލޫމާތުދެއެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅަށް އައްޑޫގެ ގިނަ ރައްޔިތުންގެ ހޫނު ތަރުހީބު ލިބެމުންދާއިރު، މިއީ އެކަމަނާ އައްޑޫ ސިޓީއަށް މިއަހަރު ތެރޭގައި ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.