މިއަދު ބޮޑު ކުރި ޓީޗަރުންގެ މުސާރައާ އެކު، ބިދޭސީ ޓީޗަރުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ބޮޑު ކުރި މުސާރައިގެ އޮނިގަނޑު އިއުލާންކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދޭސި ޓީޗަރުންނަކީ ވަކި ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރާ ޓީޗަރުންތަކެއް ކަމަށެވެ. އެހެންކަމުން އެ ޓީޗަރުންގެ މުސާރަތައް ކަނޑައަޅާނީ ދިވެހި ޓީޗަރުންނާ ތަފާތުކޮށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ނިންމާފައި އޮތް ގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރަ މިއަދު ބޮޑުކޮށްފައިވާއިރު، މުސާރަ ބޮޑުކުރި ޓީޗަރުންގެ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ގުރުއާން ޓީޗަރުންނާއި ސަރުކާރު ޕްރީސުކޫލްތަކުގައި މަސައްކަތް ކުރާ ޕްރީ ސްކޫލު ޓީޗަރުން ހިމެނެއެވެ.