English Edition
Dhivehi Edition

ސްކޫލްތަކުގެ ހާލަތު ބައްލަބައިލެއްވުމަށް މިނސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. ޢާއިޝަތު ޝިހާމު ނޫނު އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅު ގައި އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން އެމްއެންޑީއެފް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ތަރުބަވީ ޖީލު ޕްރޮގުރާމުގެ ޓީމާއި، އުފާ އޮފީހުގެ އޮފިޝަލުންނާ، ޓިވެޓުގެ އޮފިޝަލުންގެ ބައިވެރިވެ ވަޑައިގަންނަވައެވެ.

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށް އެޑިއުކޭޝަން މިނިސްޓަރ ކުރައްވާ ދަތުރު ފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ލަންދޫއަށެވެ. އެރަށުގައި އޮންނަ ލަންދޫ ސްކޫލުގެ ރަންޔޫބިލް ޖަލްސާގައި މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެރަށުގެ ސްކޫލުގެ ހާލަތު ބައްލަވައިލައްވައި، ސްކޫލުގެ އިސްމެނޭޖުމަންޓާ، ބެލެނިވެރިންނާ، ދަރިވަރުންގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވާނެއެވެ.

އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ލަންދޫއަށެވެ. އެއަށްފަހު، ކެނދިކުޅުދޫއާއި ކުޑަފަރީއަށް ވަޑައިގަންނަވާނެއެވެ. މިރަށްރަށުގެ ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާ، ޓީޗަރުންނާ، ސްކޫލް ބޯޑާ، ޕީޓީއޭގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި ރަށު ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

އޮކްޓޫބަރު 22 ވަނަ ދުވަހު ހެނބަދޫއަށް ވަޑައިގެން ވެސް އެހެން ރަށްރަށެކޭ އެއްގޮތަށް އެ ރަށުގެ ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކުގެ ހާލަތު ބައްލަވައިލައްވައި، ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާ، ޓީޗަރުންނާ، ސްކޫލް ބޯޑާ، ޕީޓީއޭގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި ރަށު ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާއި ބެހޭ ގޮތުންނާއި، ސުކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުންނާ އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މިނިސްޓަރާއެކު ވަޑައިގަންނަވާ ޓީމުތަކުން ނޫނު އަތޮޅުގެ އެކިރަށްރަށަށް ޒިޔާރަތްކޮށް ތައުލީމީ ސިޔާސަތާ ގުޅޭގޮތުން ސްކޫލުގެ ދަރިވަރުންނާ، ޓީޗަރުންނާ، ބެލެނިވެނާ، ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާ ހިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާކުރަމުން ގެންދާނެއެވެ. ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމް ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުރިއަށް ގެންދެއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ތަރުބަވީ ޖީލުގެ ޓީމުން، ލަންދޫ، ކުޑަފަރީ، ކެނދިކުޅުދޫއަށް ޒިޔާރަތްކުރާނެއެވެ.

މީގެ އިތުރުން ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ފޯރުކޮށްދޭނެއެވެ.

އެޑިއުކޭޝަން މިނިސްޓަރގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ހަވީރުއެވެ.