English Edition
Dhivehi Edition

އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ ﷺ އަކީ އެންމެ ރިވެތި އަޚްލާގުގެ ވެރިޔާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގު ކަމަށާއި މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީ ވެސް ރިވެތި އަޚްލާޤުކަމަށެވެ.

ކީރިތި ރަސޫލާ ﷺގެ ހަޔާތްޕުޅަށް ބައްލަވާލައްވަމުން އެކަލޭގެފާނު ރިވެތި އަޚްލާގުގެ ސިފަތަކުން ޒީނަތްތެރިކޮށްދެއްވާތޯ ދުޢާކުރައްވާކަމަށް ވިދާޅުވަމުން މިނިސްޓަރ ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ރިވެތި އަޚްލާޤު ލިބިގަތުމަށް ވާރިދުވެފައިވާ ދުޢާތަކަށް ބައްލަވާލައްވާފައެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ނަމޫނާ ދައްކަވަމުން އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި އެކިކަންކަމުގައި އަނބިއަނބި ކަނބަލުންނާ މަޝްވަރާކުރައްވާކަން ފާހަގަކުރެއްވިއެވެ. ހަމައެގޮތަށް އަނބިއަނބި ކަނބަލުންނަށް އެންމެ ލޯބިވާ ނަމުން މުޚާތަބް ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

މިކަންތައްތަކަށް ބައްލަވާލައްވާ، މިނިސްޓަރ ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އަޅުގަނޑުމެން އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭކަމަށާއި އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހޭކަމަށް ވިދާޅުވިއެވެ.

”އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި ޢިޖުތިމާއީ ގުޅުން” މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤުރުއާނުގައި ބާވާލައްވާފައިވާ ހުރިހާ ކަންތައްތަކެއް އެކަލޭގެފާނުވަނީ ޢަމަލުފުޅުން ދައްކަވައި، އަދި ފަސޭހައިން އެނގޭ ގޮތަށް މީސްތަކުންނަށް ކިޔައިދެއްވާފައި ކަމަށެވެ.

“އެކަލޭގެފާނު ގެންނެވި ޝަރީޢަތަކީ އެއީ އެންމެ ފަހުގެ ރިސާލަތު. އެއްވެސް އުނި އިތުރުކަމެއްނައިސް މި ޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމި އޮންނާނެ.” ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ﷺ ގެނެސްދެއްވި ރިސާލަތު މީސްތަކުންނާހަމައަށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު މީސްތަކުންނާ މުޚާތަބުކޮށް ދެއްކެވި ޝަރީޢަތާގުޅޭ ވާހަކަ މިނިސްޓަރ ވަނީ ކިޔައިދެއްވާފައެވެ. އަދި ކީރިތި ޤުރުއާނުގައި އެކަލޭގެފާނާ ގުޅޭ ގޮތުންވާ ވާހަކަތަކަށް ބައްލަވާލައްވަމުން ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންނަށް ވާ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.