ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ އެދުމުގެ މަތިން މި ހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އައްޑޫސިޓީއަށް ކުރި ދަތުރުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި އެންޓި ޓޯޗަރ އާއި ހިއުމަން ރައިޓްސް ޑެކްލަރޭޝަން އާއި ހިއުމަން ރައިޓްސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކާއި ފުލުހުންގެ ހައްޔަރުގައި ތިބޭ މީހުންނަށް ލިބެންޖެހޭ އިންސާނީ ހައްޤުތަކާއި އެމީހުންނާމެދު އަމަލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވެއެވެ.
މި ސެޝަނުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ގިނައަދަދެއްގެ ފުލުހުން ބައިވެރިވެފައިވާއިރު މި ސެސަން ނަގައިދީފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މި ސެޝަނުގައި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާއި އެކޮމިޝަންގެ މެމްބަރުންނާއި އައްޑޫސިޓީގައި މަސައްކަތްކުރާ ގިނައަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.