English Edition
Dhivehi Edition

ލޮބުވެތި މުސްލިމް އަޚުންނޭވެ! ތިޔަ އަހުންގެ މައްޗަށް މި ފާޅުވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ.

އެތަކެއް ގިނަގުނަ ހެޔޮކަންތައްތަކާއި އަދި އިތުރު ގުނަ ތަކަށް ގުނެވިގެންދާ އަޖުރުތަކެއް އެ ދުވަސްތަކަށް ކަނޑައެޅިފައިވެ އެވެ.

އަހަރެމެންނާ ބައްދަލު ކުރާ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކުގެ މައްޗަށް الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ނަބިއްޔާ ﷺ މި ރޭތަކުގައި، ފުރަތަމަ 20 ދުވަހުގައި އަޅުކަމުގައި ޤާއިމްނުވާ މިންވަރަށް އަޅުކަންތައް ކުރުމަށް ޚާއްޞަކޮށް ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ. އަދި މިފަދައިން އެ ނަބިއްޔާގެ ޞަޙާބީން ވެސް އަމަލުފުޅު ކުރައްވަ އެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިޙުން އެއަށްފަހު އެ ގޮތުގައި ޤާއިމްވި އެވެ. މި 10 ދުވަސް ނުހަނު މަތިވެރިކުރައްވާ އެކިއެކި ބާވަތްތަކުގެ އަޅުކަން ކުރެއްވުމުގައި ނުހަނު ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.“
مجموع الفتاوى 427/15.

އަޚުންނޭވެ! ކުރިމަތީގައި މިވާ ދުވަސްތަކުގެ މައްޗަށް ވިސްނުން ހުއްޓެވެ. ފަހެ، ﷲ ދެއްވި ބޮޑުވެގެންވާ ނިޢުމަތެއްކަން ދަންނަ އެވެ. ފުރުސަތުގެ ބޭނުން ހިފުމަށް، ކުރެވޭނެ އެންމެ ހެޔޮވެންވާ ޢަމަލުތައް އަދާ ކުރުމަށް ތައްޔާރުވުން ހުއްޓެވެ.

ﷲسُبْحَانَهُ وَتَعَالَى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވެއެވެ. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ (3) ”لیلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެއުކަން ބޮޑެވެ!“ (القدر :3) މިއީ އިންސާނަކަށް ތަޢުބާވުމަށް ލިބިގެންދާނެ ކިހާބޮޑުފުރުސަތެއްތޯއެވެ.

ޢާއިޝާ رضى الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. ފަހު ދިހަ ވަނުމުން ނަބިއްޔާ صلى الله عليه وسلم ރޮދިގަނޑު ބާރުުކުރައްވައެވެ. (އެބަހީގަދައަޅައި މަަސައްކަތްކުރައްވައެވެ.)، ރޭތައް އިޙްޔާކުރައްވައެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ގޮވައިލައްވައި ހެލައްވަވައެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2024)

މާދަމާ ރެއަކީ މި ރަަމަޟާން މަހުގެ ފަހު ދިހައިގެ ފުރަތަމަ ރެއެވެ. އެންމެ މަތިވެރި ދަރުމަދެއްވާ ރޭ ކަމުގައިވާ ލައިލަތުލް ޤަދްރި ހިމެނޭ ފަހު ދިހަ ފެށޭ ރެއެވެ. އަޅުކަމުގެ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މި ޙަދީޡުން އެނގޭ ގޮތުގައި ފަހު ދިހަ އައުމުން ރަސޫލުﷲ صلى الله عليه وسلم އަޅުކަމުގައި ބުރަކޮށް މަސައްކަތްކުރެއްވުމަށް އެކަލޭގެފާނުގ ‘ރޮދިގަނޑު ބާރުކޮށްލައްވަ’ އެވެ. އަދި މުޅި ރޭ އަޅުކަމުގައި ހޭދަކުރައްވައެވެ. އޭގެ އިތުރަށް، އެހެން ބޭފުޅުންވެސް ރޭއަޅުކަމަށް ނިދީން ތެދުކުރައްވައެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބި، ރަމަޟާންމަސް ނިމޭއިރު ފުއްސެވުމާ ދިންނެވުން ލިބޭ މީހުންގެ ތެރެއިން އަޅަމެން ލައްވާށިއެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފަޢިވަނީ ރާއްޖޭހެ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން