ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށްކުރެއްވި ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ރައީސްވަނީ ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައިވަނީ ސޮއި ކުރައްވާފައިވެއެވެ.
މިދަތުރުފުޅުގައި ރައީސް ޔާމީންވަނީ ޔޫއޭއީގައި އުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފައެވެ. އެބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އަޚުލާގު ރަނގަޅުކޮށް ދިވެހިންގެ ގަދަރު ހިފެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ.