English Edition
Dhivehi Edition

މިމަހު ވިހިވަނަދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާއްވާ 12 ވަނަ ސިލްކް ރޯޑް މޭޔަރސް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ފުރައިވަޑައިގެންފިއެވެ.

މިފޯރަމަކީ މެމްބަރުންގެ މެދުގައި އޮންނަ ވިޔަފާރިއާއި ސަގާފީ އަދި ފަރުދީ ގުޅުން ވަރަގަދަކޮށް ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މިމަޝްވަރާތަކުގެ ސަބަބުން މެމްބަރު ސިޓީތަކާއި ގައުމުތަކުގެ ޓޫރިޒަމާއި، ވިޔަފާރީގެ މުއާމަލާތް ފުޅާކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މިއީ 2006ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަވުމުންގެންދާ ފޯރަމެކެވެ. މިއީ ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. ވޯލްޑް ސިޓިޒެންސް އޯގަނައިޒޭޝަނަކީ 1987 ވަނައަހަރު އުފެދުނު ޖަމިއްޔާއެކެވެ. އެއީ ގައުމުތަކުގެ މެދުގައިވާ އެކިކަހަލަ ގުޅުންތައް ވަރުގަދަކޮށް އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި އުފައްދައިފައިވާ ޖަމްއިއްޔާއެކެވެ.

މިޖަމުއިއްޔާގެ ޝިޢާރަކީ ކޮންމެ އިންސާނެއްވެސް އަދި ދުނިޔޭގެ ކޮންމެ ތަނެއްވެސް ތަފާތުކަމެށެވެ. އެހެންކަމުން ވިޔަފާރިއާއި އަދި އެނޫންވެސް މުއާމަލާތްތަކުގައި މިފަދަ ތަފާތުތަކަށް ރިއާޔަތްކުރުން މުހިންމުކަމުގައި އެ ޖަމުއިއްޔާއިން ދެކެއެވެ. އަދި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް މިޖަމުއިއްޔާއިން ވަނީ ގޮވައިލައިފައެވެ.