ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވަފުދަކަށް އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ޕާޓީން ދައުވަތު ދިނުމަކީ ދިވެހި ސަރުކަރާ އިނގިރޭސި ސަރުކާރާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިން ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޗެނަލް ތާޓީންގެ ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ފަރާތުން ޔޫރަޕަށް ކުރެއްވި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރާއ ދިވެހި ސަރުކާރާ ދެމެދު އޮތް ގާތް ގުޅުން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމުގައެވެ.މީގެ އިތުރުން ހަލީލް ވިދާޅުވީ އެމްޑީޕީން އިނގިރޭސި ވިލާތުގެ ސަރުކާރުގެ އިސްބޭފުޅުން ގާތު ގައުމީ ސަލާމަތަށް ބުރޫއަރާފަދަ ވާހަކަތައް ދައްކާފައި އެބަހުރި ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫޢުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުރިކަމަށެވެ.
ހަލީލު ވިދާޅުވީ އިނގިރޭސި ވިލާތުގައި ނަޝީދުގެ ބާރު ދަށްވުމުން މިހާރު މަސައްކަތް ކުރައްވަނީ ސްރީލަންކާގައި އަތް ގަދަ ކުރުމަށް ކަމަށާއި އެހެންނަމަވެސް ނަޝީދު މަހަކު އެއް ފަހަރު ލަންކާއަށް ވަޑައިގެން އެގައުމުގައި ސިޔާސީ މަޝްވަރާތައް ކުރައްވަމުން ގެންދަވަނިކޮށް، ޕީޕީއެމުން މިހާރު އެވަނީ ލަންކާގައި ޕީޕީއެމްގެ އޮފީހެއް ހުޅުވާފައިކަމަށެވެ. މީގެ އިތުރުން ހަލީލު ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ ދައުވަތަކަށް ދިއުމަށް ޕީޕީއެމުގެ ވަފުދު ތައްޔާރުވަމުން ދިޔައިރު، އެކަން ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ނުލިބި ޕީޕީއެމްއަށް ފުރުސަތު ލިބުމުން ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރުގެ ގާތް ގުޅުން ހާމަވެގެން ހިނގައްޖެކަމުގައެވެ.